ސްޕެކްޓްރާ: ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ފުރަތަމަ ދިވެހި ކުންފުނި

ސްޓޮކް އެކްސްޗޭންޖަށް ސްޕެކްޓްރާ ކުންފުނި ރަޖިސްޓާ ވީކަމުގެ ލިޔުން --- ފޮޓޯ/ ސްޕެކްޓްރާ ޓުވިޓާ

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި އަމިއްލަ ވިޔަފާރި ކުންފުންޏެއް ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ހިއްސާގެ ބަޒާރުގައި ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އިންޓްރޮޑަކްޓްރީ ޕްލެޓްފޯމްގައި ލިސްޓްކޮށްފި އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައި ވަނީ ސްޕެކްޓްރާ ޕަބްލިކް ލިމިޓެޑް އެވެ. ހަމަ އެކަނި ދިވެހި ހިއްސާދާރުން ތަމްސީލުކުރާ އެ ކުންފުންޏަކީ 2008 ވަނަ އަހަރު ރަޖިސްޓްރީކޮށް އިމާރާތްތަކުގެ އެތެރެއާއި އަދި ބޭރު ނިންމުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

ސްޕެކްޓްރާ އިން މިހާރު ވަނީ ކުންފުނި އަލުން ރީބްރޭންޑްކޮށް ކުންފުނި ހޯދާފައިވާ ކާމިޔާބު ދަމަހައްޓައި އިތުރަށް ވިޔަފާރި ފުޅާކުރުމަށް ޓަކައި ކުންފުނި ޕަބްލިކް ކުންފުންޏެއްގެ ގޮތަށް ބަދަލުކޮށްފަ އެވެ.

ޕަބްލިކް ކުންފުންޏެއްގެ ހައިސިއްޔަތުން ކުންފުނި އިފްތިތާހު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އަލަށް އެކުލަވާލި ބޯޑުގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވެފައި ވަނީ ސްޕެކްޓަރާ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުގައި އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މުސްތަގުބަލުގައި ކުންފުނީގެ ވިޔަފާރީގެ ތެރެއަށް އިތުރުކުރުމަށް ވިސްނާފައިވާ ވިޔަފާރީގެ ދާއިރާތައް ކަމަށެވެ.

އެގޮތުން އިމާރާތްތަކުގެ އެތެރެއާއި އަދި ބޭރު ނިންމުމަށް ބޭނުންވާ ތަކެތީގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި، ރިއަލް އެސްޓޭޓް ވިޔަފާރި އަދި ހޮސްޕިޓަލިޓީގެ ދާއިރާ އިން ވިޔަފާރި ކުރުމަށް ސްޕެކްޓްރާއިން ގަސްދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ ޕްރޮޖެކްޓްތަށް ކާމިޔާބުކަމާ އެކު ނިންމާފައިވާ ސްޕެކްޓްރާ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އިންޓްރޮޑަކްޓްރީ ޕްލެޓްފޯމްގައި ލިސްޓްކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ވަކި ވަކި އިންވެސްޓަރުންނަށް ފުރުސަތު ދިނުމާއި އަދި ކޯޕަރޭޓް ގަވަނާސް ވަރުގަދަ ކުރުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މިއަދުން ފެށިގެން ވަކި ވަކި ފަރުދުންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ އެ ކުންފުނިން ހުޅުވާލާފަ އެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް ސްޕެކްޓްރާ އަށް ގުޅުއްވުމުން ލިބިވަޑައި ގަންނަވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

comment ކޮމެންޓް