ނަޝީދުގެ މައްސަލަ ނިމުނު ގޮތުން ހައިރާނެއް ނުވޭ: ބައިނަލްއަގުވާމީ ވަކީލުން

އިނގިރޭސީވިލާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ރައީސް ނަޝީދާއި އެމަނިކުފާނު ވަކީލު އަމާލް-- ފޮޓޯ/ އޭޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމަކީ ހައިރާން ކުރުވަނިވި ކަމެއް ނޫން ކަމަށް ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި، ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރި އިރު، މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ. ޕީޖީ އޮފީހުގެ ފަރާތުން އެ މައްސަަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ދަށު ކޯޓުތަކުން މައްސަލަ ނިންމައި ހުކުމް ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާ މެދު ހައިރާން ނުވާ ކަމަށެވެ.

ނަޝީދުގެ ވަކީލު ޖޭރެޑް ޖެންސާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ހައިރާން ނުކުރާ ކަމަށާއި ނަމަވެސް އެއީ ހިތާމަ ހުރި ނިންމުމެއް ކަމަށެވެ.

"މި ހުކުމް ކުރި އިރު ނަޝީދުގެ ފަރާތުން ހުށަހެޅި ވާހަކައަށް ބަލާފައި ނުވުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ވެސް އަމަލު ކޮށްފައި ނުވުމަކީ، ރާއްޖޭގެ ފަނޑިޔާރުއަކީ މިނިވަންކަމާއި އިންސާފުވެރިކަމުން ބަރީއަވެ ރައީސް ޔާމީންގގެ މުށުތެރޭގައި އޮތް އެއްޗެއް ކަން،" ޖެންސާ ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލާ އަމާލް ކްލޫނީ ވިދާޅުވީ ކޯޓުގެ ނިންމުމުން އެނގެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ދިވެހި ސަރުކާރުން ޖުޑީޝަރީ ބޭނުންކުރާ ކަން ކަމަށެވެ.

"ކޯޓުގެ އެންމެ ފަހުގެ މި ނިންމުމަކީ ނަޝީދުގެ މައްޗަށް ހިންގި ކޮރަޕްޓު ޝަރީޢަތުގައި ޖަހާ އެންމެ ފަހުގެ ރަބަރު ތައްގަނޑު. މިކަމުން ހާމަވަނީ ގާނޫނުގައި ލިޔެވިފައި އޮތް ނަމަވެސް ކޯޓު މަރުހަލާގައި އިންސާފުވެރިކޮށް ކަންކަން ކުރުމަށް ލިޔެފައިވާ ގާނޫނު އަސާސީއަށް ވެސް ރާއްޖެއިން އިހުތިރާމު ނުކުރާނެކަން،" އަމާލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނަނީ ނަޝީދުގެ ފަރާތުން ހެކިން ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް ހެކިން ހާޒިރު ނުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ހެކިން ހާޒިރު ނުކުރީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މައްސަލަ ރަނގަޅަށް ސާފުވެ، ސާބިތުވާ ވަރަށް ހެކިބަސް ލިބިފައިވާތީކަން އެނގޭތީ ކަމަށެވެ.

ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށްގޮސްފައި ވަނީ ހުރިހާ ހައްގުތަކެއް ދެވިގެން އިންސާފުން ކަމަށް ހުކުމުގައިވެ އެވެ. އަދި ހައިކޯޓުން އެމައްސަަލަ ބަލައި ނުގަންނަން ނިންމައި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅާފައި ވަނީ ރަނގަޅަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން އެ ހުކުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ތަނެއް ނެތް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑީޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ނަޝީދުގެ ހުކުމް ދެމެހެއްޓުމުގެ ސަބަބުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ރާއްޖެއިން އެމަނިކުފާނަށް އެއްވެސް ހައްލެއް ލިބުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސި ސަރުކާރުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގަ އެވެ.

comment ކޮމެންޓް