މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާ ހުލިވި އިމާރާތުގައި ބަދަލުގައި ޒަމާނީ އާ އިންޖީނުގެއައަކާ އެކު އާ އިމާރާތެއް އަޅަން ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫގައި އަޅާ އާ އިންޖީނުގޭގެ އިމާރާތް އަޅަން ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ، އެޑްވާންސް ސްޓީލް ސްޓަރަކްޗަރު ޕްރައިވެޓް އާއެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ. އަދި ލަންކާ އެޑްވާންސް ސްޓީލް ސްޓަރަކްޗަރު ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ދޫޝަން ދަޔަރަތްނެ އެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން ނިމާލް ވިދާޅުވީ، 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިނަދޫގައި އަޅަން ހަވާލުކުރި އެ އިމާރާތަކީ ޕްރީފެބްރިކޭޓެޑް ޕަވާ ހައުސްއެއްގެ ގޮތުގައި އިމާރާތްކުރާ ޒަމާނީ އިމާރާތެއް ކަމަށެވެ.
އިމާރާތުގައި އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިދާރީ އޮފީހެއް ހިމެނޭއިރު، ވަކި ޕްރޮޖެކްޓެއްގެ ދަށުން ސީސީޓީވީ ކެމެރާއާއި ފަޔާ އެލާމިން ސިސްޓަމެއް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ އެ އިމާރާތުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ޖުމްލަ 153 ދުވަހުގެ ތެރޭގަ އެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެ އިމާރާތްކޮށް ނިމޭނެ އެވެ.
ނިމާލް ވިދާޅުވީ، އަލަށް އިމާރާތްކުރާ އިންޖީނުގޭގެ އިމާރާތުގައި ހަތަރު ޖަނަރޭޓަރު ގާއިމްކުރާނެ ކަމަށާއި އަންނަ ހަފްތާތެރޭގައި އެ ޖަނަރޭޓަރުތަކަށް އޯޑަރުދޭނެ ކަމަށެވެ. އެއީ 1000 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 1200 ކިލޯވޮޓްގެ ދެ ޖަނަރޭޓަރެވެ.
ތިނަދޫއަށް މިހާރު 24 ގަޑިއިރު ކަރަންޓް ދެމުންގެންދަނީ 1000 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 1020 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އެހީގަ އެވެ.
ނަމަވެސް ނިމާލް ވިދާޅުވީ، އާ ހަތަރު ޖަނަރޭޓަރުތަކެއް ގެންނަން ނިންމާފައި ވަނީ ތިނަދޫއަކީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ރަށަކަށް ވެފައި ރަށަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން މިހާރު ހުރި ޖަނަރޭޓަރުތަކުގެ ސަބަބުން ކަރަންޓްގޭގެ ހޫނުމިން އިތުރުވެ ބައެއް ފަހަރު ރަށުން ކަރަންޓް ކަނޑާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާ ހުލިވުމާ ގުޅިގެން އެރަށަށް ކަރަންޓް ލިބުނީ ހަ ދުވަސް ފަހުންނެވެ.