ކުދިން އުޅޭނެތަނެއް ނުދައްކަނީސް ގެ ވިއްކަން ހުއްދަދީ ކުރި ހުކުމް ބާތިލުކޮށްފި

މާލޭގެ އިމާރާތެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ކުދިން އުޅޭނެތަން ނުދައްކައި ބިން ނުވިއްކޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފައިލް ފޮޓޯ

މާފަންނު އެމްޓޭޝަން ގޭގެ 747.5 އަކަފޫޓު ވިއްކުމަށް އެގޭގެ ވެރިމީހާ ސިވިލް ކޯޓަށް ހުށަހެޅުމުން އެގޭގެ އެބައި ވިއްކުމަށް ހުއްދަދީ ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

އެމްޓޭޝަން ގޭގެ 747.5 އަކަފޫޓު ވިއްކުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެގޭގެ ގެ ކުދިންގެ މަންމަ ވަނީ މައްސަލާގައި ތަދައްހުލުވެފަ އެވެ. ތަދައްހުލުވެފައި ވަނީ ވިއްކަން ކޯޓަށް ހަށަހެޅި އެގޭގެ ބަޔަކީ ކުދިން ދިރިއުޅެމުން ދިޔަ ތަން ކަމަށްވެފައި ކުދިން ދިރިއުޅޭން ތަނެއް ނުދައްކައި ގެ ވިއްކުމަށް ހުށަހެޅުމުންނެވެ.

އެމައްސަލާގައި ސިވިލް ކޯޓުގައި އެމްޓޭޝަންގޭގެ ވެރިމީހާ، އަދި އެ ކުދިންގެ ބައްޕަ ބުނެފައި ވަނީ ވިއްކަނީ ގެ އެއްކޮށް ނޫން ކަމަށާއި، 1495 އަކަފޫޓުގެ ތެރެއިން 747.5 އަކަފޫޓޫ ކަމަށެވެ. އަދި ނުވިއްކާ ބައިން ކުދިން ދިރިއުޅެން ތަންދައްކާނެ ކަމަށް ވަނީ ބުނެފަ އެވެ. ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން މައްސަލަ ބަލައި ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ބިން ވިއްކުމުގެ މުއާމަލާތެއް ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެމާއްދާގެ 16 ވަނަ މާއްދާގައި ވާގޮތުގެ މަތިން ބިން އެހެން ފަރާތަކަށް ބިން ވިއްކުމަށް ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި "ގޯތި ވިއްކަން އެދޭމީހާ އެމީހާ ޝަރުއީ ގޮތުން ބަލަން ޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން" ހިމެނޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާ ބެހޭ ގަވާއިދާ ހަވާލާދީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ބިން އަމިއްލަ ކުރުމަށް ފަހު ވެސް ވިއްކާ ނަމަ މުއާމަލާތް ހިންގަންވާނީ ޝަރީއަތް މެދުވެރިކޮށް ކަމަށާއި އަދި ޝަރުއީ ގޮތުން ބަލަން ޖެހޭ އެހެން މީހުން ދިރިއުޅޭނެތަނެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

މ. އެމްޓޭޝަންގޭގެ ވެރިމީހާ އެގެ ވިއްކަން ހުށަހަޅާފައި ވަނީ އޭނާގެ ދެކުދިން ދިރިއުޅެމުން ދިޔަ ބައިކަމަށާއި، އަދި ވިއްކަން ހުށަހެޅީ ކުދިން އުޅޭނެތަނެއް ނުދައްކާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. ދެކުދިންގެ ތެރެއިން އެއްކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެމްޓޭޝަން ގެއިން ވިއްކަނީ އެއްބައިކަމަށާއި ނުވިއްކާ ހުރި ބައިން ކުދިން ދިރިއުޅެން ތަން ދޭނެކަމަށް ބުނި ނަމަވެސް ދޭނެ ކަމަށް ބުނި ތަނުގައި ހަދާފައިވާ ގުދަނަކީ މީހަކަށް ވަކި މުއްދަތަކަށް ކުއްޔަށްދީފައިވާ ތަނެއްކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެހުރިހާ ކަމަކަށް ބަލާއިރު އެމްޓޭޝަންގެ ވިއްކުމަށް ހުއްދަދީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެހުކުމަށް ތާއީދުކޮށް ހައިކޯޓުން ބިނާކޮށްފައިވާ އަސާސްތަކަކީ ސައްހަ އަސާސްތަކެއް ނޫންކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

comment ކޮމެންޓް