ލޯންޗުކޮޅު ހާދިސާއާ ގުޅިގެން ޖަލުހުކުމް އައި ތިހާމާއި ޒަމީރު މިނިވަންކޮށްފި

އަހުމަދު ތިހާމް --- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި ހާދިސާއަށްފަހު ހިނގި ކަންތަކާ ގުޅިގެން ހަތަރު މަސް ދުވަހުގެ ޖަލު ހުކުމް އިއްވި ސ. ފޭދޫ ބުލްބުލް އަހުމަދު ތިހާމް އާއި މޫސާ ޒަމީރު މިނިވަން ކޮށްފި އެވެ.

އެ ދެ މީހުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް މި މަހުގެ 19 ވަނަ ދުވަހު ހުކުމް ކުރިނަމަވެސް ހުކުމުގެ މުއްދަތު ގުނަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭ ދުވަހުން ފެށިގެން ކަމުގައިވާތީ މިހާރު އެ ދެ މީހުން ވަނީ މިނިވަންކޮށްފަ އެވެ.

އެ ދެ މީހުން ބަންދުގައި ތިބޭތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ. ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ސަން އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެ ދެ މީހުން މިނިވަންކޮށްފައިވާ ިކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ސާބިތުވީ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށީގައި ތިބި ތަކެތި އެއްވެސް ރައްކާތެރިކަމެއް ނެތި ގެންގޮސްފައިވާތީ އެވެ.

ތިހާމަކީ ސިފައިންގެ އީއޯޑީ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އަދި ޒަމީރަކީ އޭނާގެ ދަށުން މަސައްކަތް ކުރި މީހެކެވެ.

އެ މައްސަލާގައި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ ދެ އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް