ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް އިއްވި 17 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ ދެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން އެ ކޯޓުން ވަނީ ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެ ލިޔުންތައް ހައިކޯޓަށް ފޮނުވާނީ ކްރިމިނަލް ކޯޓުންނެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހުތާޒު މާލެއިން ފުރައިގެން މާމިގިއްޔަށް ގޮސް ނިހާނާ ބައްދަލުކޮށް އެރަށު ކޯޓު ހުޅުވައިގެންތިބެ ރައީސް ޔާމީން ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރަން މަސައްކަތްކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
އެރޭ ގ. ކެނެރީގެ ހުންނަ ގޯޅިގަނޑުގެ ތެރޭގައި ހުރި ސައިކަލެއްގެ މަތިން މާފުށީ ކޯޓުގެ ނަމުގައި ތައްޔާރުކޮށްފައިވާ ސައްޙަ ނޫން ކޯޓު އަމުރަކީ މުހުތާޒާއި ނިހާންގެ ބައިވެރިވުން އޮވެގެން ނެރުނު އެއްޗެއްކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.