އޮންރީ ޑިލޯނޭ ޓްރޮފީ އަކީ ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާ ޓީމަށް ދެވޭ ޓްރޮފީއެވެ. ޔޫރޯ ޓްރޮފީއަށް ނަންދީފައި ވަނީ، އެ މުބާރާތް ބޭއްވުމުގެ ޚީޔާލު އުފަންކުރުވި، އަދި ސްވިޓްޒަލޭންޑްގެ ބާސެލްގައި 1954 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު، ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް، "ޔޫއެފާ"ގެ ނަމުގައި އުފަންވި، ވިލާތު ގައުމުތަކުގެ ފުޓްބޯޅަ ޖަމިއްޔާތަކުގެ ގުޅުމުގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެހުނު ފްރާންސްގެ އޮންރީ ޑިލޯނޭގެ ނަމަށް ނިސްބަތްކޮށެވެ. ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ޚިޔާލު ޑިލޯނޭ އުފަންކުރުވި ނަމަވެސް، 1960 ވަނަ އަހަރު އެ މުބާރާތް ފުރަތަމަ ފަހަރަށް ބޭއްވުމުގެ ފަސް އަހަރު ކުރީން ޑިލޯނޭ ވަނީ ނިޔާވެފައެވެ.
ޔޫރޯ ޓްރޮފީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ޑިލޯނޭގެ ފިރިހެން ދަރިފުޅު ޕިއެރެ ޑިލޯނޭއެވެ. ޔޫރޯގެ ފުރަތަމަ މުބާރާތުން ފެށިގެން ވެސް އޮންރީ ޑިލޯނޭ ޓްރޮފީ، އެފަހަރަކު މުބާރާތް ކާމިޔާބުކުރާ ޓީމެއްގެ އަތުގައި ހަތަރު އަހަރު ދުވަސްވަންދެން، ނުވަތަ ޖެހިގެންއަންނަ ޔޫރޯއާހަމަށް ބަހައްޓައެވެ.

ސްޕެއިނުން 2012 ވަނަ އަހަރު ޔޫރޯގެ ޓްރޮފީ އުފުލައިލަނީ ---
އޮސްޓްރިއާ-ސްވިޑެންގައި 2008 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް، އޮންރީ ޑިލޯނޭ ޓްރޮފީ އަލުން މޮޑެލްކުރިއެވެ. އެ ބަދަލު ގެންނަން ޖެހުނީ ޔޫރަޕްގެ އެހެން ބޮޑެތި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރަޕިއަން ކަޕް ފަދަ މުބާރާތްތަކުގައި ދޭ ޓްރޮފީތައް ޔޫރޯ ޓްރޮފީއަށް ވުރެ ބޮޑުވެ ފެންވަރު ރަނގަޅުވުމުންނެވެ. އެހެންކަމުން އޮންރީ ޑިލޯނޭ ޓްރޮފީގެ ސައިޒު ބޮޑުކުރިއެވެ. އަލަށް މޮޑެލްކުރި ޔޫރޯ ޓްރޮފީ ހަދާފައި ވަނީ "ސްޓަރލިން ސިލްވަ" ބޭނުންކޮށްގެންނެވެ. އެ ބަދަލާއެކު ޔޫރޯ ޓްރޮފީގެ ބަރުދަނުގައި 8 ކިލޯގްރާމް ހުރެއެވެ. އަދި އުސްމިނުގައި 24 އިންޗި ހުރެއެވެ. އެގޮތުން ކުރިން އެ ޓްރޮފީ ހުރި ސައިޒަށްވުރެ ހަތް އިންޗި ދިގު، އަދި 1 ޕައުންޑް ބަރުވެގެން ދިޔައެވެ. އަދި އޮރިޖިނަލް ޓްރޮފީގެ ފުލަށްވެސް ބަދަލުތަކެއް ގެނައެވެ. އެގޮތުން ސަންގުމަރުމަރު ހިލައިން ހަދާފައިއިން ފޫ ނެގުމަށްފަހު އޭގެ ބަދަލުގައި ރިހިން ތައްޔާރުކޮށްފައި ވާ ފުލެއް ހަރުކުރިއެވެ. އަދި ޓްރޮފީގެ ފުލުގެ އަރިމަތީގައި ކޮންމެ ފަހަރަކުވެސް މުބާރާތް ކާމިޔާބުކުރާ ގައުމުގެ ނަން ކަނޑައިބިންވަޅުނަގަންފެށުނެވެ.
ޔުރޯގެ ޗެމްޕިއަން ހޯދާ ޓީމުގެ ކުޅުންތެރީންނާއި ކޯޗުންނާއި އޮފިޝަލުންނަށް ދެނީ ރަން މެޑައްޔެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުންނަށް ދެނީ ރިހި މެޑައްޔެވެ. ޗެމްޕިއަން ޓީމަށް އޮންރީ ޑިލޯނޭ ޓްރޮފީ ދޭއިރު، ރަނަރަޕް ޓީމަށް ދެނީ ހަނދާނީ ފިލައެކެވެ. ޔޫރޯގެ ގަވާއިދު ހަމަޖެހިފައިވާގޮތުން މުބާރާތުގެ ތިންވަނަ ހޮވާ މެޗެއް ނުކުޅެއެވެ. އެހެންނަމަވެސް 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޔޫއެފާއިން ނިންމީ ސެމީ ފައިނަލް މެޗުތަކުން ބަލިވާ ދެޓީމަށް ރަންވަންލޯ ނުވަތަ ބްރޯންޒް މެޑަލް ދިނުމަށެވެ. އެގޮތުން އެ މެޑަލް އެންމެ ފުރަތަމަ ހާސިލްކުރީ ޖަރުމަނާއި ޕޯޗްގަލްއެވެ. ކުރީން މުބާރާތުގެ ތިންވަނަ ހޮވައި އެ މަގާމަށް ހޮވޭ ޓީމަކަށް ރަންވަންލޯ މެޑަލް ދިން ނަމަވެސް 1980 ވަނައަހަރަށް ފަހު، ޔޫއެފާއިން ވަނީ ޔޫރޯގެ ތިންވަނަ ހޮވުން ހުއްޓާލައިފަައެވެ.