ސްކޫލް ޑިންގީ ހުއްޓޭތީ ފެހެންދޫ ބެލެނިވެރިން ގޮތްހުސްވެއްޖެ!

ފެހެންދޫ ދަރިވަރުން ތައުލީމް ހާސިލް ކުރުމަށް ގޮއިދުއަށް ފައިބަނީ-- ފޮޓޯ: ކިޔުންތެރިއެއް

އެކަނިވެރި މައެއް ކަމަށްވާ ބ. ފެހެންދޫ، އައިޝަތު ވަސީމާއަކީ ތިން ކުދިންގެ މަންމައެކެވެ. އޭނާގެ ދޮށީ ދަރި އުޅެނީ ގްރޭޑް އެކެއްގަ އެވެ. ވަޒީފާ ދޫކުރަންޖެހޭތީ ރަށް ދޫކުރެވޭކަށް ނެތެވެ. ވަސީމާގެ ހަ އަހަރުގެ އަންހެން ދަރިފުޅު ތައުލީމް ހާސިލް ކުރުމަށް އެ ރަށު އެހެން ކުދިންނާ އެކު އޭނާ ފޮނުވަނީ ޑިންގީއެއްގައި ކައިރީ އޮންނަ ބ. ގޮއިދުއަށެވެ. އެއީ ހިތްދަތި ދަތުރެކެވެ.

"މިހާރު ދަތުރުކުރާ ޑިންގީގައި ވިއްސާރަ ކުރާނަމަ ތެމިގެން، ދިޔަވަރު ބޮޑުވިޔަސް ތެމިގެން ދާން މިޖެހެނީ، ދެބުރުން ތިން ބުރުން ނުލާހިކު ކުރިން ހޭލައިގެން ސުކޫލަށް ދަނީ،" ތައުލީމް ހާސިލްކުރަން އެ ކުޑަކުއްޖާ ކޮންމެ ދުވަހަކު ކުރަން ޖެހޭ ދަތުރު ކިޔައިދެމުން ވަސީމާ ބުންޏެވެ.

ބެލެނިވެރިންނާ އެކު ސައިކަލު ނުވަތަ ކޮންމެވެސް ވެހިކަލެއްގައި ގިނަ ކުދިން ސުކޫލުތަކަށްދާއިރު ބ. ފެހެންދޫ ކުދިން ތައުލީމް ހާސިލް ކުރުމަށް މިޖެހެނީ ބުރަ ދަތުރެއް ކުރާށެވެ. އެއީ ޑިންގީއެއްގައި ފަޅެއް ހުރަސްކޮށް ކުރަން ޖެހޭ ދަތުރެވެ. މިއަދު މިވަނީ އެ ދަތުރުވެސް ހުއްޓޭނެކަން އިއުލާންކޮށްފަ އެވެ.

"މިހާރު ކުރާނެ ކަމެއް ނޭނގެ، ހަދާނެ ގޮތެއް ނޭނގެ، ވަރަށް ކަންބޮޑުވޭ ފެރީ ހުއްޓޭތީ." ވަސީމާ ބުންޏެވެ.

މީގެ އަށް އަހަރު ކުރިން 2008 ވަނަ އަހަރު ފެހެންދޫ ސުކޫލުގެ ކިޔެވުން ވަނީ ހުއްޓާލާފަ އެވެ. އޭރު އެ ސުކޫލުގައި ކިޔަވަމުންދިޔައީ ހަ ކުދިންނެވެ. އެހެންކަމުން ސަރުކާރުން ހަމަޖެއްސީ އެ ސްކޫލު ބަންދުކޮށް ބ. އަތޮޅުގައި ތައުލީމް ހާސިލްކުރާ އެރަށުގެ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވެންސެއް ދިނުމަށެވެ.

އެ އެލަވަންސާ އެކު އެ ރަށު ބެލެނިވެރިންގެ މަސައްކަތުން ޑިންގީއެއް ހޯދި އެވެ. އެއަށް ފަހު ކިޔަވާ ކުދިން ގޮވައިގެން ގޮއިދުއަށް ދާންފެށި އެވެ. އެއީ 10 ވަރަކަށް މިނެޓުގެ ދަތުރެކެވެ. އެ ޑިންގީ އޭރު ދުއްވަމުން ދިޔައީ ވެސް ދެ އަންހެނުންނެވެ.

ތައުލީމަށް ޓަކައި ފެހެންދޫ ރައްޔިތުން މިއަދާ ހަމައަށް ވެސް އެދަނީ އެދަތުރު ކުރަމުންނެވެ. ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި އުމުރުން ހަގު ކިޔަވާ ކުދިން ގޮވައިގެން ކޮންމެ މޫސުމެއްގައި ވެސް އެދިޔައީ ދަތުރުކުރަމުންނެވެ. ބޭނުމަކީ ތައުލީމް ހާސިލް ކުރުމެވެ.

ހަ ކުދިންނާ އެކު ފެށި ދަތުރު މިއަދު މިވަނީ 13 ކުދިންނަށް ބަދަލުވެފަ އެވެ. ގިނައީ ގްރޭޑް ހަތަކުން ދަށުގެ ގްރޭޑުތަކުގައި ކިޔަވާ ކުދިންނެވެ. އެކުދިން ގޮވައިގެން މިހާރު ދަތުރުކުރަނީ އެރަށު ކައުންސިލްގެ ޑިންގީއެއްގަ އެވެ. އެއީ 18 ފޫޓު ދިގު ހަ ފޫޓް ފުޅާ ޑިންގީއެކެވެ. ހިޔާކޮށްފައިނުވާ އާދައިގެ ޑިންގީއެކެވެ.

ފެހެންދޫ ކައުންސިލް ރައީސް މޫސާ ނަސީމް ވިދާޅުވި ގޮތުގައި އެދަތުރު ދެން އިތުރަށް ކުރިއަށްގެންދެވޭކަށް ނެތެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ބެލެނިވެރިން އަތުންނަގާ 1000 ރުފިޔާގެ ފީން އެކަން ނުކުރެވުމާއި ޑިންގީއަކީ އެފަދަ ކުދިންތަކެއް އުފުލަށް ރައްކާތެރި އުޅަނދަކަށްނުވުމެވެ.

"ބެލެނިވެރިންގެ އަތުން މިނަގާ 1000 ރުފިޔާ އިން ދަތުރުތައް ހަމަޖެއްސޭވަރުގެ ބަޖެޓެއް ނުލިބޭ، ވަރަށް ހާލުގައި ދަތުރުތައް ކުރަމުން މިދަނީ، އެއްވެސް ވަރަކަށް އެކަށީގެންވާ އުޅަނދެއް ވެސް ނޫން އެޔަކީއެއް ކުދިންގޮވައިގެން ދަތުރުކުރަން." ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ކައުންސިލުން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ސްކޫލުކުދިން ގޮއިދުއަށް ގެންދިއުމަށް ބާއްވާ ފެރީ ހުއްޓާލުމަށް ކަމަށެވެ. އެކަން ކުރަނީ އެހެންގޮތެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ދާއިމީ ފެރީގެ ނިޒާމެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ފެހެންދޫ މީހުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކައުންސިލުން އެހިދުމަތް ހުއްޓާލައިފި ނަމަ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކަން ގެނެސް އެހިދުމަތް ދޭނެ ކަމަށެވެ.

"ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް އެހިދުމަތް ދިނުމަށް ތައްޔާރުވަމުން ދަނީ." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ އެ ޖަވާބަށް އެރަށު ބެލެނިވެރިން އެހާ އުފަލެއް ނުކުރެ އެވެ. އެމީހުންގެ ޖަވާބަކީ މިދިޔަ އަށް އަހަރު ވެސް އެކަންކޮށްދޭން ބުނެ ތިން ސަރުކާރުން ވެސް އެކަން ނުވެއޮތުމެވެ. ތައުލީމް ހާސިލްކުރުމުގެ ހައްގަކީ ކޮންމެ ދިވެއްސަކަށް ލިބެގެންވާ ހައްގަކަށްވާ އިރު އެ ރަށު ބެލެނިވެރިން ގަބޫލް ކުރާގޮތުގައި އެ 13 ކުދިން މިވަނީ އެ ހައްގުން މަހުރޫމު ވުމުގެ މަގުމަތީގަ އެވެ. ބެލެނިވެރިންގެ އެދުމަކީ މިކަމަށް އަވަސް ހައްލެކެވެ.

އާބާދީގައި 293 މީހުން ރަޖިސްޓްރީގައިވާ އެރަށުގައި މިހާރު އުޅެނީ 115 ވަރަކަށް މީހުންނެވެ. ތައުލީމުގެ އިތުރުން އަސާސީ ގިނަ ހައްގުތަކެއް ރަށުން ނުލިބެ އެވެ. ކިރިޔާވެސް ފޯރުންތެރިކަމެއް ހުރި ބަޔަކު ވިއްޔާ ރަށަކު ނޫޅެ އެވެ.

ކުޑަކޮންމެ ރަށެއްގައި ސުކޫލާއި ސިއްހީ ހިދުމަތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތަށް ދިނުމަކީ ދައްޗެކެވެ. އެހެންކަމުން މިމައްސަލަތަކުގެ ހައްލު ވަރަށް ސާފެވެ. އެއީ ބޮޑު އާބާދީއަކަށް ބަދަލުވުމެވެ. އެއީ ކާމިޔާބު ނިޒާމެކެވެ. ށ. ފުނަދޫއިން އެ ފެންނަނީ އެ ނަމޫނާއެވެ. ކުދިކުދި އާބާދީގެ ދެ ތިން ރަށު މީހުން އެ ރަށަށް އައިސް މިހާރު އެދަނީ ތަރައްގީއާ އެކު ކުރިއަށެވެ.

comment ކޮމެންޓް