އަރަބިއްޔާ ހުރި ބިމާއި ގާކޮށިގައި އެމްޑީޕީ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފުލެޓްތައް ހަދަން ހަވާލުކުރި އިންޑިއާގެ ޓާޓާ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމައިފި އެވެ.
ޓާޓާއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމީ ފުލެޓް ލިބުނު މީހުން، މަހެއްގެ މައްޗަށް 33،000 ރުފިޔާ ސަރުކާރަށް ދައްކަން ޖެހި، ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން ޖެހުމުން، އެއީ އާންމު ރައްޔިތުންނަށް ލިބޭނެ ތަކުލީފެއް ކަމަށް ކޮމެޓީގެ މެމްބަރުންނަށް ގަބޫލު ކުރެވުމުންނެވެ.
ކޮމެޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި ފުލެޓްތަކުގެ އަގު ބޮޑުވީ ފުލެޓުތަކުގެ މައްސަކަތް ނިމުމުން ސަރުކާރުން އެއްފަހަރާ ޓާޓާއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމުންނެވެ. "ހާއްސަ އިނާޔަތްތަކަކާ އެކު" ޓާޓާއަށް ސަރުކާރުން ހަވާލުކުރި އެ ޕްރޮޖެޓު ނިމުމުން 18 މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.
ޓާޓާއަށް ދީފައިވާ ހާއްސަ އިނާޔަތްތަކެއް ކަމަށް ކޮމެޓީން ފާހަގަކޮށްފައި ވަނީ ފުލެޓުގެތަކުގެ މަސައްކަތް ކުރާތީ އެ ކުންފުންޏަށް ފުލެޓުގެ ގްރައުންޑު ފުލޯ ހިމެނޭ ގޮތަށް ތިން ބުރި 50 އަހަރަށް ދީނުމާއި ރިސޯޓެއް ތަރައްގީ ކުރަން ޅ. ލޮސްއަލަފުށި ދީފައިވުމެވެ. އަދި ފުލެޓުތައް އިމާރާތް ކުރުމަށް ރާއްޖެ އިން ބޭރުން ގެނައި ތަކެއްޗަށް ދައުލަތަށް ޑިއުޓީއެއް ދައްކަން ނުޖެހުމެވެ.
އެޕެކްސް ރިއަލިޓީ އާއި އެސްޖީ 18 ޑިވެލޮޕާސް އަދި ޓާޓާ ހައުސިން ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ އިން ހިންގާ މަޝްރޫއުގެ ދަށުން އެ ފުލެޓުތަކުގައި 319 އެޕާޓްމަންޓް ވަނީ ހަދައިފަ އެވެ. ގާ ކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގައި ފުލެޓް އިމާރާތް ކުރީ 11 ބުރިއަށެވެ.
ޓާޓާ އާއި ދިވެހި ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމެޓީން ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު ރަޝީދެވެ. ގައްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން އިއްޔެެ ބޭއްވި މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ސަރުކާރާއި ޓާޓާ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުން މިއަދުގެ ކުރިން މަޖިލީހުން ހޯދުމަށެވެ. އަދި އެއަށް ފަހު މާދަމާ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި އެ އެއްބަސްވުމާ ގުޅޭ ގޮތުން، ކޮމެޓީގެ މެމްބަރުން ބަހުސްކޮށް، މައްސަލަ ދިރާސާ ކުރަން ފެށުމަށެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރާ އިދިކޮޅު، އެމްޑީޕީގެ މެމްބަރުން ވެސް އެ މައްސަލަ މަޖިލީހުން ބަލަން ތާއިދު ކުރެއްވި އެވެ. ކޮމެޓީއަށް އިއްޔެ ހާޒިރުވެވަޑައިގެންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ނާޝީދު ވެސް އެ މައްސަލަ ބެލުމަށް ތާއިދު ކުރެއްވި އެވެ.
އެމްޑީޕީގެ މެމްބަރުން ވިދާޅުވި ގޮތުގައި އެ މައްސަލަ ކޮމެޓީން ދިރާސާ ކުރުމަށް ފަހު މެނުވީ ސަރުކާރާ އެކު ޓާޓާ އިން ވެފައިވާ އެއްބަސްވުމަށް ބަދަލެއް ނުގެނައުމަށް ތާއިދު ކުރެ އެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ނިންމަވާލައްވަމުން ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އަރަބިއްޔާ ހުރި ބިމާއި ގާކޮށިގައި އިމާރާތް ކުރި ފުލެޓުތަކުގެ އަގުގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަކަށް ވާތީ، އެ މައްސަލަ ކޮމެޓީން ބަލައި، ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ކޮމެޓީން ކުރާނީ އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަށް އެ މައުލުމާތު ލިބޭ ގޮތަށް ކަމަށެވެ.
ގާ ކޮށީގައި އިމާރާތް ކުރަން ފެށި 198 ފްލެޓުގެ މަސައްކަތާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި 45 ފްލެޓުގެ މަސައްކަތް 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުއްޓުނެވެ. ނަމަވެސް އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަަށް ފަހު، މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ އެ މަސައްކަތް އަލުން ފަށައިފަ އެވެ. ގާ ކޮށްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓު އިމާރާތްކުރުމަށް ޓާޓާ އެކު ސަރުކާރުން އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މެއި މަހު އެވެ.