މުބާރާތެއް ނުވަތަ މެޗެއް ކުޅޭއިރު އަމިއްލަ ގައުމުގައި އެ މުބާރާތެއް ނުވަތަ މެޗެއް ކުޅޭ ޓީމަށް އެޑްވާންޓޭޖެއް އޮތް ކަމަށް ބެލެވިދާނެއެވެ. ސަބަބަކީ އެ ގައުމެއްގެ ނުވަތަ އެ ޓީމަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ތަރުހީބު ދިނުމަށް ދަނޑަށް ހާޒިރުވުމެވެ. އެއާއެކު އެ ޓީމަކަށް އިތުރު ހިތްވަރެއް ކަމަށް ގަބޫލުކުރެވުމެވެ.
އެގޮތަށް އެކަން އޮތް ކަމުގައި ވިޔަސް، ސަޕޯޓަރުން ހިތްހަމަޖައްސައި ދިނުމަށް ޓީމުތައް ކުޅެމުންދަނީ ޕްރެޝަރަކާ އެކުއެވެ. އެއީ އެ މުބާރާތަށް ނުވަތަ އެ މެޗެއް ބަލައިލުމަށް ހާޒިރުވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ހިތްހަމަޖެހޭނީ އެ މެޗަކުން ނުވަތަ އެ މުބާރާތެއް ކާމިޔާބު ކުރުމުންނެވެ. އެންމެ މެޗަކަށް ނުކުންނަ ނަމަ، މާ ބޮޑު ޕްރެޝަރެއް ނެތް ކަމުގައި ވިޔަސް، އަމިއްލަ ގައުމުގައި ބާއްވާ މުބާރާތަކަށް ނުކުންނަ ނަމަ، އެ ޕްރެޝަރު އިތުރަށް ބޮޑުވެއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ހޯމް އެޑްވާންޓޭޖުގައި ފައިދާ އެންމެ ރަނގަޅަށް ފެނިގެންގޮސްފައެއް ނުވެއެވެ. ހޯމް އެޑްވާންޓޭޖުގެ ފައިދާ ނަގައި، އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ކާމިޔާބު ކުރެވިފައިވަނީ ވަރަށް މަދު ޓީމުތަކަކަށެވެ. ޔޫރޯ 1960 އިން ފެށިގެން އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ޓީމަކަށެވެ. ނަމަވެސް 1980ގެ އަހަރުތަކަށްފަހު އެއްވެސް ޓީމަކަށް އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ކާމިޔާބުކުރި ތިން ޓީމުގެ ތެރޭގައި މި އަހަރުގެ ޔޫރޯ ބާއްވާ ފްރާންސް ވެސް ހިމެނެއެވެ.
ޔޫރޯ 1964 – ސްޕެއިން

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1964 -- ފޮޓޯ: ޔޫއެފާ
ސްޕެއިންގައި 1964 ވަނަ އަހަރު ބޭއްވި ޔޫރޯގައި ސްޕެއިންގެ އިތުރުން ވާދަކުރީ ޑެންމާކާއި، ހަންގޭރީ އަދި ސޮވިއެޓް ޔޫނިއަންއެވެ. ޔޫރޯގެ ތާރީހުގައި ބޭއްވި ދެވަނަ މުބާރާތަކީ ސްޕެއިނުން ވާދަކުރި ފުރަތަމަ ޔޫރޯއެވެ.
ހަތަރު ޓީމެއް ވާދަކުރުމުން ސެމީ ފައިނަލާ ހަމައިން ފެށި އެ މުބާރާތުގެ ފުރަތަމަ މެޗުގައި ހަންގޭރީ އަތުން 2-1 ލަނޑުން މޮޅުވެ، ސްޕެއިނުން ވަނީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ފައިނަލުގައި ސްޕެއިން ނުކުންނަން ޖެހުނީ އެންމެ ފުރަތަމަ ޔޫރޯގެ ޗެމްޕިއަންކަން ހޯދި ސޮވިއެޓް ޔޫނިއަންއާ ދެކޮޅަށެވެ. ފައިނަލުގައި ސޮވިއެޓް ޔޫނިއަން އަތުން 2-1 ލަނޑުން މޮޅުވެ، ސްޕެއިނުން ވަނީ އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފު ހޯދައިފައެވެ.
ޔޫރޯ 1968 – އިޓަލީ

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1968 -- ފޮޓޯ: ޔޫއެފާ
ޔޫރޯ 1964 އަށްފަހު ބޭއްވި ޔޫރޯ ބާއްވާފައިވަނީ އިޓަލީގައެވެ. ހަތަރު ޓީމު ވާދަކުރި އެ މުބާރާތުގައި އިޓަލީގެ އިތުރުން ދެން ހިމެނުނީ އިންގްލެންޑާއި، ސޮވިއެޓް ޔޫނިއަން އަދި ޔޫގޮސްލާވިއާއެވެ. އޭގެ ތެރެއިން އިޓަލީ އާއި އިންގްލެންޑަށް އެ މުބާރާތް ވެގެންދިޔައީ އެ ދެ ޓީމުގެ ފުރަތަމަ ޔޫރޯއަށެވެ.
ސެމީ ފައިނަލުގައި އިޓަލީ ނުކުންނަން ޖެހުނީ ސޮވިއެޓް ޔޫނިއަންއާ ދެކޮޅަށެވެ. އެ މެޗުގެ 90 މިނެޓު ހަމަވިއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ވަނީ އެއްވަރުވެފައެވެ. ކުރިން 90 މިނެޓު ހަމަވުމުން ސެމީ ފައިނަލުގެ މެޗަކުން އެއްވަރުވެއްޖެ ނަމަ، މޮޅުވާ ޓީމެއް ކަނޑައަޅަނީ ކޮއިން ޓޮސް ކޮށްގެންނެވެ. ކޮއިން ޓޮސް އިޓަލީ ކޮޅަށް ދިމާވުމުން އެ މެޗުން މޮޅުވީކަމަށް ބަލައި، އިޓަލީ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
ފައިނަލުގައި އިޓަލީ ނުކުންނަން ޖެހުނީ ޔޫގޮސްލާވިއާއާ ދެކޮޅަށެވެ. ފައިނަލު މެޗު 1-1 ލަނޑުން އެއްވަރުވުމުން ރީޕްލޭ މެޗަކަށް ދާން ޖެހުނެވެ. އެއީ ކުރިން ފައިނަލު މެޗަކުން އެއްވަރުވެއްޖެ ނަަމަ، އޮންނަ އުސޫލެވެ. ފައިނަލުގެ ރީޕްލޭ މެޗުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އިޓަލީ ވަނީ ޔޫގޮސްލާވިއާ އަތުން 2-0 ލަނޑުން މޮޅުވެ، އިޓަލީގެ ފުރަތަމަ ޔޫރޯ ކާމިޔާބުކޮށްފައެވެ.
ޔޫރޯ 1984 – ފްރާންސް

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1984 -- ފޮޓޯ: ޔޫއެފާ
ޔޫރޯ 1984 މުބާރާތް ބޭއްވީ ފްރާންސްގައެވެ. އަށް ޓީމެއް ވާދަކުރި އެ މުބާރާތުގައި ފްރާންސްގެ އިތުރުން ދެން ހިމެނުނީ ބެލްޖިއަމް އާއި، ޑެންމާކާއި، ޕޯޗުގަލް އާއި، ރޫމޭނިއާ އާއި، ސްޕެއިން އާއި، ޔޫގޮސްލާވިއާ އަދި ވެސްޓް ޖަރުމަނެވެ.
އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ފްރާންސް ހިމެނުނީ ޑެންމާކާއި، ބެލްޖިއަމް އަދި ޔޫގޮސްލާވިއާ އާއެކު "ގްރޫޕު އޭ" ގައެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ފްރާންސުން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ޑެންމާކު އަތުން 1-0 ލަނޑުން ފްރާންސް މޮޅުވި އިރު، އެ ޓީމު ކުޅުނު ދެވަނަ މެޗުގައި ބެލްޖިއަމް އަތުން މޮޅުވީ 5-0 ލަނޑުންނެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ފަހު މެޗުގައި ޔޫގޮސްލާވިއާ އަތުން މޮޅުވީ 3-2 ލަނޑުންނެވެ.
ފްރާންސްގެ މިޝެލް ޕްލެޓިނީ ވިދާލި އެ މުބާރާތުގެ ސެމީގައި ފްރާންސް ނުކުތީ ޕޯޗުގަލްއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ލަނޑުން އެއްވަރުވުމާ ގުޅިގެން އިތުރު ވަގުތު ކުޅެގެން ނަތީޖާ ނެރެން ޖެހުނެވެ. އިތުރު ވަގުތުގައި ޕޯޗުގަލްއިން ފުރަތަމަ ލަނޑު ޖެހި ނަމަވެސް، ޕްލެޓިނީގެ ދެ ލަނޑާއެކު 3-2 ލަނޑުން މޮޅުވެ، ފްރާންސް ވަނީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ.
ފައިނަލުގައި ފްރާންސް ނުކުންނަން ޖެހުނީ ސްޕެއިންއާ ދެކޮޅަށެވެ. ސްޕެއިންގެ މައްޗަށް ފައިނަލުގައި 2-0 ލަނޑުން ކުރި ހޯދައި، ފްރާންސުން ވަނީ އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ކާމިޔާބުކޮށްފައެވެ. ފައިނަލުގައި ފްރާންސުން ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ކާމިޔާބުކުރީ ޕްލެޓިނީއެވެ. ޕްލެޓިނީ ވަނީ އެ މުބާރާތުގައި ނުވަ ލަނޑު ކާމިޔާބުކޮށް، ރަން ބޫޓު ވެސް ހޯދައިފައެވެ. އެ މުބާރާތަކީ ފްރާންސުން ކާމިޔާބުކުރި ފުރަތަމަ ޔޫރޯއެވެ.
އަމިއްލަ ގައުމުގައި ބޭއްވި މުބާރާތްތަކުގެ ނަތީޖާތައް:
- ޔޫރޯ 1960: ފްރާންސް (ހަތަރު ވަނަ)
- ޔޫރޯ 1964: ސްޕެއިން (ޗެމްޕިއަން)
- ޔޫރޯ 1968: އިޓަލީ (ޗެމްޕިއަން)
- ޔޫރޯ 1972: ބެލްޖިއަމް (ތިން ވަނަ)
- ޔޫރޯ 1976: ޔޫގޮސްލާވިއާ (ހަތަރު ވަނަ)
- ޔޫރޯ 1980: ބެލްޖިއަމް (ރަނަރަޕް)
- ޔޫރޯ 1984: ފްރާންސް (ޗެމްޕިއަން)
- ޔޫރޯ 1988: ވެސްޓް ޖަރުމަން (ސެމީ ފައިނަލް)
- ޔޫރޯ 1992: ސްވިޑަން (ސެމީ ފައިނަލް)
- ޔޫރޯ 1996: އިންގްލެންޑް (ސެމީ ފައިނަލް)
- ޔޫރޯ 2000: ބެލްޖިއަމް (ގްރޫޕު ސްޓޭޖް)، ނެދަލެންޑްސް (ސެމީ ފައިނަލް)
- ޔޫރޯ 2004: ޕޯޗުގަލް (ރަނަރަޕް)
- ޔޫރޯ 2008: އޮސްޓްރިއާ (ގްރޫޕް ސްޓޭޖް)، ސްވިޒަލެންޑް (ގްރޫޕް ސްޓޭޖް)
- ޔޫރޯ 2012: ޕޮލެންޑް (ގްރޫޕް ސްޓޭޖް)، ޔޫކްރޭން (ގްރޫޕް ސްޓޭޖް)