ރާއްޖޭގައި ފޮޓޯ ނަގައިގެން އާމްދަނީ ހޯދުމަކީ ދިވެހިންނަށް ހާއްސަ ދާއިރާއެއް ނަމަވެސް ބޭރުގެ ފަރާތަކުން ރާއްޖޭގައި ފޮޓޯނަގައިގެން މި އަހަރު މިހާތަނަށް 11 މިލިއަން ރުފިޔާ ގަވައިދާ ހިލާފަށް ހޯދައިފި އެވެ.
ރާއްޖެ އިން ބޭރުގެ ބަޔަކު ރާއްޖޭގައި އުފައްދާފައިވާ ކުންފުއްޏަކުން ރާއްޖޭގައި ފޮޓޯ ނަގައިގެން ބޮޑު އާމްދަނީއެއް ހޯދަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. ސަން އަށް ލިބިފައިވާ ތަފާސް ހިސާބްތަކުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ ރާއްޖޭގެ 13 ރިސޯޓެއްގައި ފޮޓޯ ނަގައިގެން އެއް މިލިއަން ޑޮލަރު (15.42 ރުފިޔާ) ހޯދާފައެވެ.
މި އަހަރު މިހާތަނަށް ނުވަ ރިސޯޓެއްގައި ފޮޓޯ ނަގައިގެން އެ ކުންފުނިން ވަނީ 741196 ޑޮލަރު ހޯދައިފަ އެވެ. އެއީ 11 މިލިއަން ދިވެހި ރުފިޔާ އެވެ.
މަދު ދިވެހިންތަކެއް ބޭނުންކޮށްގެން އަދި ބިދޭސީން އިސްކޮށް ތިބެގެން ކުރާ އެވިޔަފާރިން ލިބޭ ބޮޑު އެއްޗެއް ދަނީ ގައުމުން ބޭރަށެވެ.
އާންމުކޮށް ދިވެހިން 350 ޑޮލަރާއި 550 ޑޮލަރާއި ދޭތެރޭ އަގުތަކެއްގައި ނަގައިދޭ ފޮޓޯ ޝޫޓް ބޭރު ކުންފުނިން ނަގައިދެނީ 600 ޑޮލަރާއި 900 ޑޮލަރާއި ދޭތެރޭ އަގުތަކެއްގަ އެވެ.
ބިދޭސީ ފޮޓޯގުރާފަރުންގެ އުނދަގޫ ބޮޑުވެ ދިވެހިންނަށް އެ ފުރުސަތު ގެއްލިގެން ދިއުމާ އެކު މިދިޔަ އަހަރު ކުރީކޮޅުގައި ސަރުކާރުން ވަނީ ފޮޓޯގުރަފީ ދާއިރާއަކީ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތަށް ހަމަޖައްސައިފަ އެވެ. އެއާ އެކު ފޮޓޯ ނެގުމާއި އެ ވިޔަފާރިން ނަފާ ހޯދުމުގެ ހުއްދަ ލިބިގެންދާނީ ހަމައެކަނި ދިވެހިންނަށެވެ. ނަމަވެސް ކަން ވަނީ މުޅިން އެހެނަކުން ނޫނެވެ.
ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ފޮޓޯގުރާފަރުން މިފަހަރު ހިޔާރު ކުރިމަގަކީ ދިވެހިން ބޭރަށް ނެރެ އޭގެ ނަފާ އެ މީހުންގެ ޖީބަށް ލެވޭނެ ގޮތެވެ. ލިބޭ ފައިސާ އިން ކުޑަ އެއްޗެއް ދިވެހި މީހާއަށް ލިބޭ ގޮތަށް ދިވެހިންގެ ނަމުގައި ކުންފުނި ހަދައި އެ ވިޔަފާރި ކުރުމެވެ.
ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި ބިދޭސީ ފޮޓޯ ގުރާފަރުންގެ މައްސަލައަށް ހައްލެއް ނާންނަ އިރު އެކަން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅަ އެވެ.
"މިކަންކަމުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާއި ވާނީ ހިއްސާކޮށްފައި، އެކަމަކު އެކަށިގެންވާ ފިޔަވަޅެއް ނާޅާ." ޝާފީ ވިދާޅުވި އެވެ.
ފޮޓޯ ގުރާފަރުންގެ އެކަންބޮޑުވުން ތަކާމެދު ރެޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އެފަދަ ޝަކުވާތަކެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ބިދޭސީންނަށް ނޫޅެވޭނެ ދާއިރާއަކަށްވާ އިރު އެ ވިޔަފާރި ކުރާ ފަރާތްތަކުން ޖޫރިމަނާކޮށް އިމިގުރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވިދާޅުވި އެވެ.