ދި ހޯކްސް ހޮޓެލްސްގެ "ސްވޯން"އަށް އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ކޮމިއުނިޓީ އިމްޕެކްޓް ނުވަތަ މުޖުތަމައަށް ފޯރުކޮށްދޭ ހެޔޮ ބަދަލުތައް ފާހަގަކޮށް ދޭ އެވޯޑު ލިބިއްޖެއެވެ.
ދަ ހޯކްސްއިން ބުނީ މި އެވޯޑަކީ މުޖުތަމައުގެ ކުރިއެރުމަށް އެ ހޮޓެލްއިން ކުރާ މަސައްކަތްތަކާއި، ރަށުގެ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރާ ހިތްވަރު ފާހަގަކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ.
ބ. އަތޮޅު ކަމަދޫގައި ހުންނަ "ސްވާން ބައި ދި ހޯކްސް ހޮޓެލްސް"އަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއެކު ދިވެހިންގެ ހޫނު މަރުހަބާއާއި މެހެމާންދާރީގެ އަސްލު ތަޖުރިބާ ފަތުރުވެރިންނަށް ލިއްބައިދޭ ތަނެކެވެ.
ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ހިމެނޭ އެ ހޮޓެލަކީ، ޒަމާނީ ފަސޭހަތަކާއެކު ރަށްފުށު ދިރިއުޅުމުގެ ހަމަހިމޭންކަން ގެނެސްދޭ، ރަށުގެ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި ދިރުންތަކުން ފުރިގެންވާ ކަނޑުގެ މާހައުލު ތަޖުރިބާކޮށްލުމަށް މަގުފަހިކޮށްދޭ ތަނެކެވެ.
ދި ހޯކްސްއިން ބުނީ މި އެވޯޑުން ރަމްޒުކޮށްދެނީ ރަށުގެ މުޖުތަމައާއެކު ބަދަހި ގުޅުމެއް އުފެއްދުމަށް ސްވާންގެ ޓީމުން ކުރާ ބުރަ މަސައްކަތް ކަމަށެެވެ. އަދި މުޖުތަމައުގެ އެކި ހަރަކާތްތަކުގައިއާއި ރަށު ފެންވަރުގައި ހިންގޭ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއް އާލާކުރުމަށް އެ ހޮޓަލުން މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
ކަމަދޫގައި ހުންނަ ދި ހޯކްސްގެ "ސްވޯން ބައި ދި ހޯކްސް ހޮޓެލްސް" --- ފޮޓޯ: އަގޯޑާ.ކޮމް އެ ހޮޓެލްގައި ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުންނަ އަރާމު އަދި ހިތްފަސޭހަ ކޮޓަރިތަކާއި އަމިއްލަ ބެލްކަނިތައް ހުންނަ ތަނަވަސް ކޮޓަރިތަކުން ފެށިގެން "ޕެނޮރާމިކް ސީވިއު ޕެންޓްހައުސް" އާ ހަމައަށް، ކަމަދޫގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި ފަތުރުވެރިންނަށް ހަމަހިމޭން ޗުއްޓީއެއް ހޭދަކޮށްލެވޭނެ ކަމަށް ދަ ހޯކްސްއިން ބުނެއެވެ.
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުމަކީ ސްވޯން ބައި ދަ ހޯކްސް ހޮޓެލްސްއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިއީ މުޖުތަމައާ ގުޅުން ބަދަހިކުރުމަށް މުޅި ޓީމުން ކުރި މަސައްކަތުގެ ކާމިޔާބީކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މި އެވޯޑަކީ ރަށުގެ ތަރައްގީއަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ވެސް ހޯކްސްއިން ވަނީ ސިފަކޮށްފައެވެ.
ހޯކްސްއިން ވަނީ، އެ ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި އެކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެ ހޮޓެލްގެ އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ މެހެމާންދާރީއެއް ފޯރުކޮށްދެމުން، މުޖުތަމައާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ދަ ހޯކްސްއިން ބުނެއެވެ.