އަންނަ: ނޫނޭ ފިސާރި އަންހެނެއް!

ޑރ. ޝަމްއާ އަބްދުﷲ ހަމީދު (އަންނަ) ސަން އަށް އިންޓަވިއު ދެނީ: ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ އަޒުމާއި ހިތްވަރު ހުރި ކެރޭ ދިވެހި ދަރިއެއް --- ސަން ފޮޓޯ: އަހުމަދު ޝަރުވާން

މިއީ ޝަމްއާ އަބްދުﷲ ހަމީދުގެ ވާހަކަ އެވެ. ކިޔާލުން މުހިންމު ވާހަކަ އެކެވެ. ޝަމްއާ އޭ ބުނުމުން ބައެއް މީހުންނަށް އެއީ ކާކުކަން ނޭނގިދާނެ އެވެ. ނަމަވެސް "އަންނަ ހަމީދު" އޭ ބުނެފި ނަމަ ގިނަ ބަޔަކަށް އެނގޭނެކަން ގައިމެވެ. އަންނަ އަކީ ނިކަން ވަރުގަދަ ޝަހުސިއްޔަތެކެވެ.

އަންނަ އަކީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް މެރިން ސްޓަޑީޒްގެ ޑީން އެވެ. ކޮލެޖުގައި އަންނަގެ މަސައްކަތަކީ ޑައިވިން އާއި ވޯޓާސްޕޯޓްސް ކިޔަވައިދިނުމެވެ. އާންމުކޮށް އަންހެނުން މާ ގިނައިން ފެންނަ ދާއިރާއެއް ނޫނެވެ. އެ ހިސާބަށް އައުމަށް އަންނަ ކުރި ދަތުރު ވެސް ވަރަށް ތަފާތެވެ.

އަންނަ ސަން އަށް އިންޓަވިއު ދެނީ: އަންނަ އަކީ ޑޮކްޓަރެއް، ޑައިވަރެއް އަދި ހުނަރުވެރި ބެރުވެރިއެއް --- ސަން ފޮޓޯ: އަހުމަދު ޝަރުވާން

އެންމެ ކުޑަ އިރުން ފެށިގެން ވެސް އެހެން މީހުންނަށް އުނދަގޫވާ ކަންކަން ފަސޭހަކޮށްދޭން އަންނަގެ ޝައުގުވެރިކަން ހުރެ އެވެ. އެހެންކަމުން ޑޮކްޓަރަކަށް ވުމަކީ އެންމެ ކުރިން ވެސް އަންނަ ދެކެމުން އައި ހުވަފެނެކެވެ. ތައުލީމު ހާސިލު ކުރީ ވެސް އެ ދާއިރާ އިންނެވެ.

އަންނަ ދަންނަ ބައެއް މީހުންނަށް ވެސް މިއީ އާ ވާހަކައަކަށް ވެދާނެ އެވެ. އަންނަ އަކީ ޑޮކްޓަރެކެވެ. އަންނަ ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސިޑްނީ އަދި ޗާލްސް ސްޓުއާޓް ޔުނިވާސިޓީ އިން މެޑިސިންގެ ދާއިރާ އިން ތިން ޑިގްރީއެއް ހާސިލް ކޮށްފަ އެވެ. އެއަށް ފަހު އޮސްޓްރޭލިއާގެ އިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.

ޑޮކްޓަރު ހެދުން ޑައިވިން ސޫޓަކަށް! މިވީ ކިހިނެތް؟

ޑޮކްޓަރުންނަކީ ހުދު ކޯޓެއްގައި ކަރުގައި ކަށިގަނޑެއް އަޅައިގެން މަސައްކަތް ކުރާ ބައެއް ނަމަވެސް، ޑރ. އަންނަ ފެންނަނީ އެހެނެއް ނޫނެވެ. ޑރ. އަންނަ މިހާރު ގިނައިން ފެންނަނީ ޑައިވިން ސޫޓު ލައި، މާސްކެއް އަޅައި ޑައިވިން ފުޅިއެއް އަޅުވައިގެން އުޅޭ ތަނެވެ. ޑޮކްޓަރުކަން ކިޔަވައިގެން އައިސް، ޑައިވް ކުރަން މި ފެށުނީ ކިހިނެތް ހެއްޔެވެ؟

"އެއީ އަސްލު ވަރަށް މަޖާކޮށް ދިމާވި ކަމެއް. ކިޔަވައި ނިންމައިގެން އައި އިރު ހުރީ ވަރަށް ބޮލަށް ބަރުވެފައި. ދެން ހިތަށް އެރީ ރިލެކްސް ކޮށްލަން ވެއްޖެއޭ ޑައިވް މާސްޓާ ހަދަން. ދެން ޑައިވް މާސްޓާ އަށް ކިޔެވީ. ދެން އެކަންތައް މާ ކުރާ ހިތްވެގެން ޑައިވް މާސްޓާ ޖޮބެއްގައި އުޅުނިން ދެތިން އަހަރު،" ޕްރޮފެޝަނަލްކޮށް ޑައިވް ކުރަން ފެށުނު ގޮތް އަންނަ ކިޔައިދިނެވެ.

އަންނަ ޑައިވް އަކަށް ދިއުމުގެ ކުރިން ނަގާފައިވާ ފޮޓޯ އެއް:

ޑައިވް ކުރުމަކީ އަންނަ ވަރަށް ކުޑަ އިރު ވެސް ތަޖުރިބާކޮށްފައިވާ ކަމެކެވެ. އުމުރުން ނުވަ ވަރަކަށް އަހަރު އަންނަ ވަނީ ޑައިވް ކޮށްފަ އެވެ. އާއިލާގައި ވެސް ޑައިވް ކުރާ ގިނަ ބަޔަކު ތިބުމާ އެކު ޗުއްޓީތަކުގައި ވެސް އަންނަގެ ޝައުގުވެރިކަން ހުންނަނީ ރާއްޖެ އިން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ ވެސް ރަށަކަށް ގޮސް މޫދަށް އެރެލައި ޑައިވް ކޮށްލުމަށެވެ.

ޑައިވް މާސްޓާއެއްގެ ގޮތުގައި ސަފާރީއެއްގައި ވެސް އަންނަ މަސައްކަތް ކުރި އެވެ. އެވަރުން އަދި އަންނަގެ ހިތް ފުރޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ޑައިވް އިންސްޓްރަކްޓާސް ކޯސް ވެސް ހަދައިފި އެވެ. އަންނަ އަށް ވިލާ ކޮލެޖުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ވެސް ޑައިވް ކުރުމުގެ ތެރޭގައި އުޅެނިކޮށެވެ.

ވިލާ ކޮލެޖުން ކުރިއަށް ގެންދިޔަ ޑައިވް އިންސްޓްރަކްޓާ ކޯހެއްގައި އަންނަ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ---

މިހާރު މަސައްކަތް ކުރަނީ ޑައިވް މެޑިސިން ރާއްޖޭގައި ފެށުމަށް

އަންނަ އަކީ ދެ ދާއިރާ އަކުން ކިޔަވައިގެން، ދެ ދާއިރާ އިން ވެސް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ފިސާރި އަންހެނެކެވެ. މިހާރު ސިއްހީ ދާއިރާއާ ކުޑަކޮށް ދުރުގައި އުޅުނު ނަމަވެސް، އަންނަ މަސައްކަތް ކުރަމުން ގެންދަނީ ހަޔާތުގައި އެންމެ ކުރާ ހިތްވާ ދެ މަސައްކަތް އެއްކޮށްލުމަށެވެ.

"ޑައިވް މެޑިސިން އަކީ ވެސް އޮންނަ އެއްޗެއް. އެހެންވީމާ މިހާރު އެކަން ފެށުމަށް ވަރަށް މަސައްކަތް ކުރަން. ވިލާ ކޮލެޖު ސައިޑުން މި ބަލަނީ އެކަންވާނެ ކަމަށް، ވަގުތު ޖެހުނީމާ އެކަމަކު، އަދި ވެސް މި ދަނީ ކުރިއަށް. ހުއްޓި ހުންނާކަށް ބޭނުމެއް ނޫން،" އަންނަ ބުންޏެވެ.

އަންނަ އަކީ މޮޅު ބެރުވެރިއެއް

އަނެއްކާ ވެސް އަންނަގެ ތަފާތު ކަމެކެވެ. އަންނަ އަކީ ފިރިހެން ބެރުވެރިންނަށް ދޫނުކުރާ ވަރުގެ ބެރުވެރިއެކެވެ. އަންނަ ބެރު ޖަހަނީ ހޮބީއެއްގެ ގޮތުންނެވެ. ބެރު ޖަހަން ފެށީ ވެސް އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ. ބެރުގެ ބުންތައް އަންނަގެ ނާރުތަކާ ކުޅެލަ އެވެ.

އައިޓީބީ ބާރލިން ފެއާގައި އަންނަ ބެރު ޖަހަނީ ----

އަންނަ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެނާގެ ބެރުޖެހުމުގެ ހުނަރު ދައްކާލައިފަ އެވެ. އޭގެ އިތުރުން އެންމެ ފަހުން ބޭއްވި އައިޓީބީ ބާލިން ފެއާގައި ރާއްޖެ އިން ހުށަހަޅައިގެން ހިތްގައިމު އައިޓަމުގައި ވެސް އަންނަގެ ބެރުޖެހުން ފެނިގެން ދިޔަ އެވެ.

އޭގެ އިތުރުން އެހެން މީހުންނަށް ބެރާއި ސަގާފީ ކަންކަން ދަސްކޮށްދިނުމަށް އަންނަ ވަނީ ޖަމިއްޔާއެއް ވެސް އުފައްދައިފަ އެވެ. އަންނަ އަކީ ވަރުތަ ކަލްޓަރަލް އެސޯސިއޭޝަންގެ ކޯފައުންޑާ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަގާފީ ހަރަކާތްތައް ދަސްކޮށްދިނުމަށް ގިނަ ޕްރޮގްރާމުތަކެއް ވަނީ ހިންގައިފަ އެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި މ.މުލި އަށް ލިބުނު ގެއްލުމަށް ފަހު އެ ރަށް ސާފު ކުރުމުގެ މަސައްކަތުގައި އަންނަ ހަރަކާތްތެރިވަނީ ---

އޭގެ އިތުރުން ވެސް އިޖުތިމާއީ އެކި ހަރަކާތްތަކާއި ތިމާވެށީގެ ކަންކަމުގައި އަންނަގެ ހިންގުންތެރިކަން އެންމެ ކުރީ ސަފުން ފެނެ އެވެ.

އަންނަގެ ނަސޭހަތް!

ކުރިން ވެސް ބުނި ފަދައިން، އަންނަ އަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ. ގައުމު ދެކެ އިންތިހާއަށް ލޯބިވެ އެވެ. ދިވެހި ގައުމަށް ޓަކައި ފުރާނަ ގުރުބާން ކުރެއްވި ޝަހީދުން ފަދައިން، ގައުމަށް ޓަކައި ގުރުބާންވުމުގެ ރޫހު އެންމެންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް އަންނަ ގަބޫލު ކުރެ އެވެ. ކޮންމެ މީހަކު ވެސް ގައުމަށް ވަފާތެރިވެ ގައުމު ދެކެ ލޯބިވުމަށް އަންނަ އެދެ އެވެ. ހަމަ އެއާއެކު ކޮންމެ މީހަކު ވެސް އެމީހެއްގެ ހިތް އެދޭ މަސައްކަތެއް ކުރުމަށް އަންނަ ވަނީ ނަސޭހަތްތެރިވެފަ އެވެ.

"އެމީހެއްގެ ޕެޝަން ފޮލޯ ކުރާށޭ. އެ ފުރުސަތު ލިބޭނެ. ލިބުނީމާ ފޮލޯ ކުރާށޭ. މަތިން އެ ޑައިރެކްޝަން ދައްކަވަނީ. މިސާލަކަށް މެޑިސިން ކިޔަވައިގެން އައިސް އަޖީއެމްއެޗްގައި ހަމަ އެއް މަސައްކަތެއް ކޮށްކޮށް ހުރެވިދާނެ. އެ މަސައްކަތް ކުރާނެ ބައިވަރު މީހުން އެބަތިބި. އެކަމަކު އަންނަ މިއަދު މި ހުރި މަގާމުގައި މި މަސައްކަތް ކުރާނެ އިތުރު މީހަކު ނެތް އަސްލު. އެހެންވީމާ އެންމެ ރަނގަޅު ސްޕޮޓަށް އެންމެ ރަނގަޅު ވަގުތު އާދެވުނީ،" އަންނަ ބުންޏެވެ.

އަންނަ ހަމީދު: އެއީ ވިލާ ކޮލެޖުގެ ކޮލެޖުގެ ފެކަލްޓީ އޮފް މެރިން ސްޓަޑީޒްގެ ޑީން

އަންނަ އަކީ ހިތްވަރުގަދަ މީހެކެވެ. ކުރިއަށް އެހެރެ ދަނީ ފަސް ބެލުމެއް ނެތި އެވެ. އަމިއްލަ ހިތްވަރުންނެވެ. ހިތުގެ ވިންދު އަޑުއަހައިގެންނެވެ. މީހަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބަކީ ހަޔާތް އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު ހޭދަކުރުމުގެ ފުރުސަތު ލިބުމެވެ. އަންނަ އެވަނީ އެ ކާމިޔާބީ ހޯދައިފަ އެވެ. ބުނާނެ އިތުރު އެއްޗެއް ނެތެވެ. އަންނަ އަކީ ފިސާރި އަންހެނެކެވެ.

comment ކޮމެންޓް