ރޯދަ މަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް މެލޭޝިޔާގައި ފިވަޅުތަކެއް އަޅައިފި

މެލޭޝިއާގެ މާރުކޭޓެއްގެ ފިހާރައެއްގެ އަންހެނަކު: އެގައުމުގެ އާއްމު ކާބޯތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ވަނީ ނިންމާފައި ---

މެލޭޝިއާގައި ރޯދަ މަހާ ދިމާކޮށް އާއްމު ކާބޯތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސަރުކާރުން އެގޮތަށް ނިންމާފައި މިވަނީ، ރޯދަ މަސް ފެށުމާ އެކު ކާބޯތަކެތީގެ އަގު އުފުލި، ރޯދަ ބާޒާރުތަކުގައި ކާ ތަކެތީގެ އަގު އުފުލިފައިވާތީ އެވެ.

ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑީޕީއޭ އިންޓަނޭޝަނަލް އިން ބުނީ، ޖޫން 16 އިން ޖުލައި މަހުގެ ހަ ވަނަ ދުވަހަށް ކުކުޅާއި ގެރި މަހާއި ބިހާއި ޓޮމާޓާ އަދި މަހުގެ އިތުރުން 16 ބާވަތެއްގެ ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް މެލޭޝިއާގެ ޑޮމެސްޓިކް ޓްރޭޑް މިނިސްޓަރު ހަމްޒާ ޒައިނުއްދީން މިއަދު ވިދާޅުވި ކަމަށެވެ.

އޭނާ ވިދާޅުވީ، އެ އެންގުމަށް ވިޔަފާރި ވެރިން އަމަލުކުރޭތޯ ބެލުމަށް އަމިއްލަ ޖަމިއްޔާތަކާއި ކަމާ ގުޅޭ އިދާރާތަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވާ ފަރާތްތަކުން 100،000 ރިންގިޓް (25،000 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިއާގެ 60 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ.

މައުލޫމާތު: ޑީޕީއޭ އިންޓަނޭޝަނަލް

comment ކޮމެންޓް