އިންޖީނެއް ހަލާކުވެ، ދާންދޫ އިން ކަރަންޓު ކެނޑިއްޖެ

ގއ. ދާންދޫ: އިންޖީނެއް ހަލާކުވެ އެރަށުން މިއަދު ވަނީ ކަރަންޓު ކެނޑިފައި

މިއަދު ހެނދުން ފެށިގެން، ގއ.ދާންދޫ އިން ކަރަންޓު ކެނޑިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ލަތީފް ވިދާޅުވީ ފެނަކައިން އެރަށުގައި ހިންގާ އިންޖީނު ގޭގައި ބޭނުންކުރަމުން އައި ދެ އިންޖީނު ފިނި ކުރުމަށް، މިއަދު 10:30 ހާއިރު ކަރަންޓު ކަނޑާލި ކަމަށާއި، އަލުން ކަރަންޓު ދޭން ބެލި އިރު އޭގެ ތެރެއިން އެއް އިންޖީނު މަސައްކަތް ނުކުރާ ކަމަށެވެ.

ދެހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ދާންދޫ އަށް ކަރަންޓު ދެމުން އަންނަނީ 200 ކިލޯ ވޮޓުގެ ޖަނެރޭޓަރަކާއި 120 ކިލޯ ވޮޓުގެ ޖެނެރޭޓަރެއް ބޭނުންކޮށްގެނެވެ.

ދެ އިންޖީނުން ކަރަންޓު ދިން ނަމަވެސް، އިންޖީނު މަރާމާތު ކުރުމަށާއި، ފިނި ކުރުމަށް ހަފްތާ އަކު ދެ ދުވަހު މުޅި ރަށުން ކަރަންޓު ކަނޑާލާތާ މިހާރު ތިން މަސް ވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

"ރީޖަނަލް ފެނަކަ ބުރާންޗުގައި މި ވާހަކަ ދެއްކިއްޖެ. އަޅުގަނޑުމެންނަކަށް ކަރަންޓު ޔަގީނެއް ނޫން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި ކަރަންޓު ނެތުމުގެ ސަބަބުން، އެރަށުގައި މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަތޮޅު ފުޓްސަލް މުބާރާތް ވެސް ފަސް ކުރަން ޖެހިފައިވާ ކަމަށެވެ.

"ކަރަންޓު ނެތީމަ އަޅުގަނޑުމެންނަށް ދަނޑެއް ނުދިއްލޭނެ،" އޭނާ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެރަށަށް އިތުރު އިންޖީނެއް ގެންނަން ކިޔާތާ މިހާރު ހަތަރު މަސް ވެފައިވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް ކަހަލަ އަލިމަގެއް ފެންނަން ނެތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް