މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމައިފި

މާލެ:

މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކުގެ ކަރަންޓުގެ އަގު ބޮޑުކޮށްފައިވަނިކޮށް، މާލެ ގޭބީސީތަކުގެ ކަރަންޓު ބިލުގެ އަގު ކުޑަ ކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފި އެވެ.

މޯލްޑިވްސް އެނާޖީ އޮތޯރިޓީން އިއްޔެ ނެރުނު ސާކިއުލާއެއް ބުނެފައި ވަނީ ކަރަންޓު ޚިދުމަތުގައި "ވިޔަފާރި" ކެޓަގަރީގައި 600 ޔުނިޓުގެ ބޭންޑުން މައްޗަށް އިތުރު ތިން ބޭންޑެއް އިތުރުކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު ވިޔަފާރިތަކުުން ޔުނިޓަކުން އެއް ރުފިޔާ ނުވަތަ ދެ ރުފިޔާ ވަނީ ބޮޑުވެފަ އެވެ.

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭ ސްޓެލްކޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އާންމު ގޭބިސީތަކުގެ ކަރަންޓު ބިލުން ހެޔޮ ކުރާނެ ކަމަށާއި އަގު ހެޔޮ ކުރާނީ މާލޭ ސަރަހައްދުގެ ކަރަންޓުގެ އަގު މިދިޔަ ޖެނުއަރީ ބަދަލުކުރިއިރު ހުރި ވަރަށް ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ކަރަންޓުގެ އަގުތަކަށް ގެނައި ބަދަލާއެކު ގޭބިސީތަކުގެ ކަރަންޓުގެ އަގު ވަނީ ބޮޑުވެފަ އެވެ. އެހެންކަމުން ދެން ގެންނަ ބަދަލާއެކު ގޭބީސީތަކުގެ ކަރަންޓުގެ އަގު ތިރިވެގެންދާތީ ކުރިން ހުރި ވަރަށެވެ.

"އެ އެޖެސްޓުމެންޓު ގެނެސް އާންމު ރައްޔިތުންނަށް ބެލެންސްވާ ގޮތަށް މި ބަދަލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އަގަށް އަލަށް ގެނައި ބަދަލާއެކު ސަރުކާރުގެ ތަންތަނަށް ކަރަންޓުގެ އަގު ބޮޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަރަންޓުގެ އަގަށް އިއްޔެ ގެނައި ބަދަލާއެކު ބައެއް ވިޔަފާރިވެރިން ބުނީ އެ މީހުން ވިއްކާ މުދަލާއި ހިދުމަތުގެ އަގު ބޮޑުވެގެންދާނެ ކަމަށެވެ.

އަލަށް އިތުރުކޮށްފައިވާ ތިން ބޭންޑަކީ

3،000 - 600 ޔުނިޓާ ދެމެދުގެ ބޭންޑު - ޓެރިފްއަކީ 4.35 ރުފިޔާ

10،000 - 3،000 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފްއަކީ 5.75 ރުފިޔާ

10،000 ޔުނިޓަށް ވުރެ މަތީގެ ބޭންޑު: ޓެރިފްއަކީ 6.65 ރުފިޔާ

މީގެ ކުރިނެ ހުރި ބޭންޑުތަކާއި އޭގެ ޓެރިފް ރޭޓުތައް

100 - 0 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.30 ރުފިޔާ

300 - 101 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.35 ރުފިޔާ

500 - 301 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.65 ރުފިޔާ

600 - 501 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 4.00 ރުފިޔާ

600 ޔުނިޓުން މަތީގެ ބޭންޑު: ޓެރިފް ރޭޓަކީ 4.35

މީގެ އިތުރުން ބޭންޑުތަކުން ވެސް، ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު 8.00 ރުފިޔާއަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް، ކިލޯވަޓަކަށް 0.03 ރުފިޔާގެ ނިސްބަތުން ފިއުލް ސާޗާޖު ނެގުމުގެ ހުއްދަ އެނާޖީ އޮތޯރިޓީއިން ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

comment ކޮމެންޓް