ޔޫއެލް ފްލައިޓަކުން މާލެ އައި ފަސިންޖަރުންގެ ލަގޭޖްތަކެއް ތެމި، ގެއްލުންތަކެއް ވެއްޖެ

ފެނުގެ ސަބަބުން ލަގޭޖްތައް ތެމުނު ބަޔަކު ބެގޭޖް ސާވިސް ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން ---

ރޭ ސްރީ ލަންކާ އެއާލައިންސް އިން މާލެ އައި ފަސިންޖަރުންގެ ލަގޭޖްތަކެއް ތެމި، ގެއްލުންތަކެއް ވެއްޖެ އެވެ.

ކޮލަންބޯ އިން ފުރައިގެން ރޭ މާލެ އައި ސްރީ ލަންކަން އެއާލައިންސް، ޔޫއެލް 109 ފްލައިޓުން މާލެ އައި ބައެއް ފަސިންޖަރުން ބުނީ، އެ މީހުންގެ ލަގޭޖްތައް މާލޭ އެއާޕޯޓުން ނެގި އިރު ހުރީ ފެނުގެ އަސަރުކޮށް ތެމިފައި ކަމަށެވެ. އަދި ބައެއް ކަރުދާސް ފޮށިތައް ވެސް ތެމި، ވީދިފައި ހުރުމުން ފޮށިތަކުގެ އެތެރޭގައި ހުރި އެއްޗެހި ވެސް ހަލާކުވެފައި ހުރި ކަމަށް ބުންނެވެ.

ޔޫއެލް ފްލައިޓަކުން މާލެ އައި ބައެއް މީހުންގެ ލަގޭޖްތަކަށް ފެނުގެ އަސަރުކޮށް ތެމިފައި: ޔޫއެލް އިން ބުނީ އެ މީހުންނަށް ބަދަލު ލިބޭނެ ކަމަށް ----

މާލޭގައި ހުރި ސްރީ ލަންކަން އެއާލައިންސްގެ އޮފީހުގެ އޮޕަރޭޝަން އޮފިސަރަކު މިއަދު "ސަން" އަށް ވިދާޅުވީ، އެތަކެތި ތެމިފައި ވަނީ ކޮލަންބޯ އެއާޕޯޓުން، ފްލައިޓަށް ލަގޭޖްތައް އަރުވަމުންދަނިކޮށް ކުއްލި ގޮތަކަށް ވިއްސާރަ ވުމުން ކަމަށެވެ.

"ފްލައިޓަށް ބޯޓަށް ލޯޑު ކުރަމުންދިޔަ ގަޑީގައި ވިއްސާރަ އޮއްސާލީ. ވިއްސާރަ ކުރާނަމަ މާލެ އިން ވެސް ކޮލަންބޯ އިން ވެސް ބޯޓަށް އެއްޗެހި ލޯޑު ކުރަން، ރޭމްޕު ތަކަށްދާއިރު ސަތަރި އެއް އެއްޗެއް އަޅާފަ އޮންނާނީ،" އޮފިޝަލު ވިދާޅުވި އެވެ.

ޔޫއެލް ފްލައިޓަކުން ރޭ މާލެ އައި މީހެއްގެ ލަގޭޖަށް ފެނުގެ އަސަރުކޮށް ފަޅައިގެން ގޮސްފައި ----

އޭނާ ވިދާޅުވީ، އެ ކަންތައް ހިނގީ ގުދުރަތީ ކަމަކުން ކަމަށްވާތީ ކޮންމެ އެއާލައިނަކުން ވެސް އެކަމަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ސްރީ ލަންކަން އެއާލައިން އަބަދުވެސް ބަލަނީ ވީހާވެސް ރައްކާތެރިކޮށް ގެއްލުން ކުޑަވާނެ ގޮތަކަށް ފަސިންޖަރުންގެ ލަގޭޖްތައް ގެންގުޅުން ކަމަށް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ފޮށިތައް ތެމިގެން އެ ފަރާތައް ޝަކުވާ ކޮށްފައި ވަނީ ހަ ވަރަކަށް ފަސިންޖަރުން ކަމަށެވެ. އަދި އެބޭފުޅުންނަށް ލިބުނު ގެއްލުންތައް އެ ފަރާތައް އެންގުމުން ބަދަލުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް