ދަރިފުޅުގެ ގްރެޖުއޭޝަން އޮތުމުން މުހައްމަދު އަލީގެ ޖަނާޒާއަކަށް އޮބާމާ އަކަށް ނުދެވޭ

ބަރަކް އޮބާމާ

އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ، އެމެރިކާ އަށް އުފަން މަޝްހޫރު ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ ޖަނާޒާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ބައިވެރިވެވަޑައިނުގަނެވޭނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

އަލީގެ ޖަނާޒާ އޮންނާނީ އޭނާގެ އުފަން ސަހަރު ލުއީވިލްގެ ކެންޓަކީގަ އެވެ. ޖަނާޒާއަށް ދުނިޔޭގެ މަޝްހޫރު ލީޑަރުންނާއި ފަންނާނުން ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ޖޯޑަންގެ ރަސްގެފާން ކިންގް އަބްދުﷲގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަން ހިމެނިވަޑައިގަންނަވަ އެވެ.

ވައިޓް ހައުސް އިން ބުނީ، އަލީގެ ޖަނާޒާގައި އޮބާމާއަށް ބައިވެރިވެވަޑައިނުގަނެވޭނީ އަންހެން ދަރިފުޅު މާލިއާގެ ހައި ސްކޫލް ގްރެޖުއޭޝަންގައި އޮބާމާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވަން ޖެހޭތީ ކަމަށެވެ. ނަމަވެސް، އަލީގެ އާއިލާއަށް އޮބާމާގެ ހާއްސަ ސިޓީ ފުޅެއް ފޮނުވާނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ.

އަލީގެ އާއިލާ އިން ބުނީ، އަލީ ނިޔާވުމާ ގުޅިގެން އޭނާގެ އަންހެނުންނަށް އޮބާމާ ގުޅުއްވައި ހިތްވަރުދެއްވައި ވާހަކަދެއްކެވި ކަމަށެވެ.

ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާގެ ފީނިކްސް ސިޓީގެ އެރިޒޯނާ ސްޓޭޓްގެ ހޮސްޕިޓަލެއްގަ އެވެ.

comment ކޮމެންޓް