ރާއްޖެ އެތެރެކުރަން އުޅުނު 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން އަތުލައިގެންފައިވާ 29 ކިލޯގެ މަސްތުވާތަކެތި-- ސަން ފޮޓޯ: ފަޔާޒު މޫސާ

ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ރާއްޖެ އައި ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 29 ކިލޯގެ ހެރޮއިން އަތުލައިގެންފައި ވަނީ ރޭ ފަތިހު ކަމަށެވެ. އަދި ވިދާޅުވީ އެއީ މިހާތަނަށް ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.

ކެޕްޝަން..

ޖޫން 7، 2016: ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލުން: މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެމީހަކު --ފޮޓޯ/ޕޮލިސް

އީރާނުގައި ރަޖިސްޓްރީކޮށްފައިވާ "ހޮރުމޯޒު" ނަމަކަށް ކިޔާ ބޯޓަކުން 2014 ވަނަ އަހަރު ރާއްޖެ އެތެރެކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި އެބަ ކުރިއަށް ދެ އެވެ.

ނަވާޒު ވިދާޅުވީ ޕާކިސްތާނުން އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 29 ކިލޯގެ ހެރޮއިންގެ މަގުމަތީ އަގު 145 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އިއްޔެ އަތުލައިގަތް މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުމުގެ އެންމެ އިސްކޮށް އުޅުނީ، މ. ރަތްކޮކާގެ، އަހުމަދު ސަދޫހް ހުސެއިން، 29، ކަމަށެވެ.

އަދި މަސްތުވާތަކެތި ބަލައި ގޮސްފައި ވަނީ އޭނާއާ އާއިލީ ގުޅުމެއް އޮންނަ ލ. މާމެންދޫ، އާސްތާނާ މުހައްމަދު ނިއުޝާދު، 29، އާ އެކު އޭނާގެ ދޯންޏެއްގައި އިތުރު ދެ މީހަކާ އެކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުން ވެސް ފުލުހުން ވަނީ ހައްޔަރުކޮށް، ތަހުގީގު ފަށައިފަ އެވެ.

ޖޫން 7، 2016: ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލުން: މި މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަވާޒް ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ތެރެއިން މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ސަދޫހު ހުސެއިން އަކީ ގިނަ ކުށްތަކެއްގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެގޮތުން އޭނާއަކީ ބަރޮސް މޯލްޑިވްސް އަށް މޫނު ނިވާކޮށްގެން އަރައި އެ ރިސޯޓުގެ ތިޖޫރި ވަގަށް ނެގުމުގެ ތުހުމަތުގަ އާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ކުށުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ނަވާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ދޯނި ދުއްވި ނައުޝާދަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ނަވާޒް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންގެ އިންޓަލިޖެންސް އަދި މެރިން ޕޮލިހުންގެ އިތުރުން ސުވޮޓް ޓީމުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ބަރުކޮށްގެން އައި ދޯނި އަތުލައިގަނެފައި ވަނީ، އދ. އަތޮޅުގެ ބޭރުންނެވެ.

ޑީއީޑީގެ ހެޑް މޫސާ އަލީ ވިދާޅުވީ އެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބާއްވައިގެން ބެލިބެލުމުން މަސްތުވާތަކެތި ފެނިފައި ވަނީ ދޯނީގައި އޮތް ގޭސް ސިލިންޑަރެއްގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް