ހަތް މީހުންގެ ކުށުގެ ރެކޯޑު ދެގަނޑަށް އަރާ، އެކަމަކު އަދިވެސް އަމުރެއް ނުނެރޭ: އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފައިލް ފޮޓޯ

އެންމެފަހުން މޮނިކޮން އަމުރަށް އެދުނު ހަތް މީހުންގެ ކްރިމިނަލް ރެކޯޑު ދެ ގަނޑަށް އަރާނެ ކަމަށާއި ނަމަވެސް ހައިކޯޓުން އަދި ވެސް އަމުރު ނެރެދީފައިނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ސަން އަށް ވިދާޅުވީ ހަތް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ދުވަސްކޮޅެއް ކުރިން ހައި ކޯޓުގައި ފުލުހުން ވަނީ އެދިފައި ކަމަށާއި އެއީ ޖިނާއީ ކުށްތައް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށެވެ.

އެންމެ ހައި ކްރިމިނަލުން އެއީ. އެ ހަތް މީހުންގެ ކްރިމިނަލް ރެކޯޑު އަރާނެ ދެ ގަނޑަށް. އެކަމަކު އަމުރެއް ނެރެނުދިން. މިއީކީ އިނޮސެންޓު ބައެއް ނޫން. އެމީހުން އެކިގޮތްގޮތުން ގާނޫނުގެ ތެރެއިން ބޯދަމައިގެން އުޅެނީ

ހޯމް މިނިސްޓަރު އުމަރު ނަސީރު

އޭނާ ވިދާޅުވީ ހޯމް މިނިސްޓަރަށް ކަންކަން ނުކުރެވޭ ކަމަށް ބުނެ ވާހަކަ ދައްކާ އިރު، ހޯމް މިނިސްޓަރުގެ އަތުގައި ހުރިހާ ބާރެއް ނޯންނަ ކަމަށެވެ. އެބާރު އޮންނަ ނަމަ މިހާރު ގޭންގުތަކުގެ ކަންތައް ހަމައަކަށް އަޅުވައި ނިންމައިފިން ކަމަށް އުމަރު ވިދާޅުވި އެވެ.

ބަޔަކު ކިތަންމެ ވާހަކައެއް ދެއްކި ޔަސް އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައި ނެތް ވަރުގެ މަސައްކަތް އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދަށުން ވަނީ ކޮށްފައި ކަމަށް އުމަރު ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން މޮނިކޮން އަމުރަށް އެދި ފުލުހުން ހައިކޯޓަށް ހުށަހަޅާނީ ހޯމް މިނިސްޓަރު އެގޮތަށް އެންގުމުންނެވެ. އަދި ފުލުހުން އެފަދަ އަމުރަކަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އެ އަމުރެއް ނެރުމާ މެދު ހައިކޯޓުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ ހަތް މީހުންނާ ދެކޮޅަށް މޮނިކޮން އަމުރު ނެރެނުދޭނެ ކަމަށް ހައިކޯޓުން އަންގައިފި ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް