ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވިކަން ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދި އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ހުކުމް އިއްވީ ބޭއިންސާފުން ހިންގާފައިވާ ޝަރީއަތެއްގެ މައްޗަށް ބިނާކޮށް ކަމަށް އިދިކޮޅު އިއްތިފާދުން ބުނެފި އެވެ.
ޓެރަރިޒަމްގެ ކުށުގައި އަދީބު 10 އަހަރަށް ޖަލަށްލުމަށް ރޭ ހުކުމް އިއްވުމާ ގުޅިގެން އިދިކޮޅު އިއްތިހާދުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ހުކުމް އިއްވާފައި ވަނީ ގާނޫނު އަސާސީގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ފަދަ އަދުލުވެރި އަދި އިންސާފުވެރި ޝަރީއަތަކުން މަހްރޫމްކޮށް ކަމަށެވެ.
އަދީބުގެ މައްޗަށް ހިންގި ޝަރީއަތުގައި ވެސް ޝަރުއީ ނިޒާމާ ގުޅިގެން އެކިއެކި ފަރާތްތަކުން ފާހަގަ ކުރަމުން އަންނަ ބޮޑެތި ކަންބޮޑުވުންތައް ތަކުރާރުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިގޮތުން ފޮރުވިފައިނުވާ ތަހުގީގެއްގެ މައްޗަށް ޝަރީއަތް ބިނާވެފައިނުުވުމާއި އަހުމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީއަތަކީ އިންސާފުވެރި ޝަރުއީ މިންގަނޑުން އެއްކިބާވެފައިވާ ޝަރީއަތެއްކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ކޯލިޝަންގެ ރައީސް އަދި މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ހަވާލާދީ އެ ބަޔާނުގައި ބުނީ، އެއީ ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށް ވެސް ހެކި ނެތި ހިންގާފައިވާ ބޭއިންސާނު ޝަރީއަތެއް ކަމަށެވެ.
އަދީބުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވި ގ. ހުމަށިގޭގެ އެޕާޓްމެންޓުގައި ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވި މަންޒަރު ފެނުނު ކަމަށް ތިން މީހަކު ހެކިބަސްދީފައިވާތީ އެވެ.
ހެކިބަސް ދިން މީހުންގެ ތެރެއިން ދެ މީހަކު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނާ ނުކުޅެވޭނެ ކަމަށް ފިސްތޯލަ އާ އެކު އިންނަވައި އަދީބު ވިދާޅުވި ކަމަށެވެ. އަދި މޭޑޭ މުޒާހަރާ ކުރިއަށްދާ ގޮތް ބެލުމަށާއި އެ މުޒާހަރާގައި ގޯހެއް އުޅޭ ނަމަ އެމަނިކުފާނަށް އެކަން އަންގައިދިނުމަށް އަދީބު އެދިވަޑައިގެންނެވި ކަމަށް ވެސް ހެކިބަސް ދިން ދެ މީހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި އަދީބުގެ ފަރާތުން ދިފާއީ ހެކީން ހުށަހަޅާފައެއް ނުވެ އެވެ.