ސަން ޔޫރޯ ގައިޑް 2016 މި ހަފުތާގައި ބާޒާރަށް ނެރެނީ

2012 ވަނަ އަހަރު ސަން އިން ނެރުނު ޔޫރޯ ގައިޑް ގެ ކަވަރުގެ ފޮޓޯއެއް ---- ސަން ފޮޓޯ

ސަން މީޑިއާ އިން މި އަހަރުގެ ޔޫރޯ އަށް ޚާއްސަކޮށްގެން ނެރޭ މެގެޒިން "ސަން ޔޫރޯ ގައިޑް 2016" މި ހަފުތާގެ ތެރޭގައި ބާޒާރަށް ނެރެން ނިންމައިފި އެވެ.

ސަން ޔޫރޯ ގައިޑްގެ ޕްރޮޑްކްޝަން ޓީމުން މިއަދު ބުނީ ޔޫރޯ ގައިޑް ބާޒާރަށް ނެރޭނީ ޔޫރޯ ފެށޭ ދުވަހު ނުވަތަ އޭގެ ކުރީ ރޭ ކަމަށެވެ. އަދި ބާޒާރަށް ނެރުމާ އެކު މާލޭގައި މެގަޒިން ޕްރޮމޯޓު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް އެ ޓީމުން ބުންޏެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް ތާޒާކޮށް އެންމެ ފަހުގެ އަޕްޑޭޓް މައުލޫމާތު ހިމަނައިގެން މި ގައިޑް ނެރެން. އެނގިވަޑައިގަންނަވާނެ މި ފަހަރު ވެސް ޓީމު ސްކޮޑު ތަކަށް އެންމެ ފަހު ވަގުތުގައި ވެސް ބޮޑެތި ބަދަލު ތަކެއް އަތުވެއްޖެ. ކުޅޭނެ ކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރި އެތައް ބަޔަކު ޓީމުތަކުން ބާކީ ވާން ޖެހިއްޖެ. އެހެން ވީމަ ފަހު ވަގުތާ ހަމަޔަށް ބަލައިގެން ފްރެޝް މައުލޫމާތާ އެކު ނެރޭނީ،" ސަން ޔޫރޯ ގައިޑް ޓީމުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައިޑާ އެކު މުބާރާތުގެ މެޗު ޝެޑިއުލް ވެސް ބާޒާރަށް ނެރޭނެ ކަމަށެވެ. މި މެގެޒިން ގައި މި ފަހަރު ޔޫރޯގައި ވާދަ ކުރާ ޓީމު ތަކުގެ މުހިންމު މައުލޫމާތު ތަކާއި މުބާރާތާ ގުޅޭ މުހިންމު ރިޕޯޓު ތަކާއި ކުޅުންތެރީންގެ މުހިންމު މައުލޫމާތުތައް ފަދަ އެތައް ބައިތަކެއް ހިމެނޭނެ އެވެ.

ސަން މީޑިއާގެ ފަރާތުން ވަނީ 2012 ވަނަ އަހަރުގެ ޔޫރޯއާ ގުޅުވައިގެން ވެސް ޚާއްސަ މެގެޒިން އެއް ބާޒާރަށް ނެރެފަ އެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑްކަޕަށް ޚާއްސަ ކޮށްގެން ވެސް ޚާއްސަ ގައިޑެއް ވަނީ ބާޒާރަށް ނެރެފަ އެވެ. ސަން ޓީމުން ނެރެމުން އަންނަ ޔޫރޯ އަދި ވޯލްޑްކަޕް ގައިޑް ތައް ވެގެން ގޮސްފައި ވަނީ ވަރަށް މަގުބޫލު ފޮތް ތަކަކަށެވެ.

comment ކޮމެންޓް