މައުމޫން ފައުންޑޭޝަނުން 30 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދާދިނުމުގެ ގޮތުން ދޭ މި ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު އޮންނާނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖުންނެވެ. އެއީ ތިން އަހަރުގެ ހަތް ކޯހަކާއި ހަތަރު އަހަރުގެ ކޯހަކާއި ދެ އަހަރުގެ ކޯހެކެވެ.
އެއީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ޕާޓް-ފަންޑަޑް ސްކޮލަޝިޕް ތަކެކެވެ.
ސްކޮލަޝިޕް ހުޅުވާލާފައިވާ ދާއިރާތަކަކީ ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗަލަ އޮފް ކޮމާރސް، ބެޗަލާ އިން ޓޫރިޒަމް، ހިސްޓްރީ، ޖަރނަލިޒަމް، ބެޗްލަރ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަން، ބެޗަލާ އިން ޖަރނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ބެޗަލަ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން، ބެޗަލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލަރ އޮފް ފިޒިއޮތެރަޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް އެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވަލް ހަތަރު ފާހާއި އޭލެވަލް ތިން ފާސް ނުވަތަ އޯލެވަލް ފަސް ފާހާއި އޭލެވެލް ދެ ފާސް ލިބިފައިވުން ހިމެނެ އެވެ. އޭގެ އިތުރުން އިނގިރޭސިން ޖީސީއީ އޯލެވަލް އިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް އިނގިރޭސިން ލިބިފައިވުން ހިމެނެ އެވެ.
ހަމަ އެކަނި ދިވެހިންނަށް ހުޅުވާލާފައިވާ ފުރުސަތުގައި ސްކޮލަޝިޕަށް ކުރިމަތިލާފަރާތަކީ 30 އަހަރުން ދަށުގެ ޒުވާނަކަށް ވުމާއެކު މައުމޫން ފައުންޑޭޝަންގެ މެންބަރެއް ނުވަތަ މެންބަރަކާ ސީދާ އާއިލީ ގޮތުން ގުޅިފައިވާ ފަރާތަކަށް ނުވުން ހިމެނެ އެވެ.
ސްކޮލަޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ޖޫން 12 ވަނަ ދުވަހުގެ 1:00 ގެ ކުރިން ނެވެ. ސްކޮލަޝިޕަށް އެދޭ ފޯމު މައުމޫން ފައުންޑޭޝަންގެ އިދާރީ އޮފީހުން (ހ.ފުލިދޫގެ، 5 ވަނަ ފަންގިފިލާ، ކަލާފާނުހިނގުން) ލިބެން ހުންނާނެ އެވެ.
އެ ކޯސްތަކަށް ހުށަހެޅޭ އެޕްލިކޭޝަންތައް އެ ފައުންޑޭޝަނުން އައްޔަންކޮށްފައިވާ ތައުލީމީ ބޯޑަކުން މުރާޖައާ ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނާއި ބަސްދީގަތުމަކަށް ދައުވަތު ދޭނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެ އެވެ.