ހުޅުމީދޫގައި އަޅާ ފްލެޓުތަކަށް ވެސް ކުރިމަތިލުމަށް ހުޅުވާލައިފި

އައްޑޫ ސިޓީގެ ހުޅުމީދޫ: ސަން ފައިލް ފޮޓޯ

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީގައި އަޅާ ފްލެޓުތަކުގެ ތެރެއިން، އެ ސިޓީގެ ހުޅުމީދޫގައި އަޅާ 38 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގެދޮރުވެރިކުރުން މަޝްރޫއުގެ ދަށުން ސަރުކާރުން ނިންމާފައި ވަނީ ދެކުނުގެ އަތޮޅުތަކުގައި 785 ފްލެޓު އެޅުމަށެވެ. އޭގެ ތެރެއިން 48 ފްލެޓު އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި އެޅުމަށް ނިންމާފައިވާ އިރު، ކުރިމަތިލުމަށް ހުޅުވާލީ 38 ފްލެޓަށް އެދި އެވެ.

ސަރުކާރުން މިއަދު ވަނީ، ހިތަދޫގައި އަޅާ 230 ފްލެޓަށް ވެސް އެދޭ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އެކަން އިއުލާނު ކޮށްފަ އެވެ.

ހުޅުމީދޫގައި އަޅާ 48 ފްލެޓުގެ ތެރެއިން ކެޓަގަރީ އޭގެ 38 ފްލެޓަކީ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން ފްލެޓު ބެނުންވާ ފަރާތްތައް، ދިގު މުއްދަތަކަށް ފައިސާ ދައްކައިގެން ޚަލާސް ކުރުމަށް ދޫކުރާ ފްލެޓު ތަކެކެވެ.

މިނިސްޓްރީން ބުނީ، ކެޓަގަރީ އޭގެ ފްލެޓުތަކަށް އެޑްވާންސްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި، އެއަށް ފަހު މަހަކު، 25 އަހަރު ދުވަހުން ފައިސާ ދައްކާ ޚާލާސް ކުރާ ގޮތަށް، މަހަކު 3،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. ފްލެޓަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިމުމުން، ފްލެޓު ރަހުނު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ސާޅީސް އަށް ފްލެޓުގެ ތެރެއިން ބާކީ 10 ފްލެޓު ވިއްކަން ހަމަޖެހިފައި ވަނީ ރިއަލް އެސްޓޭޓު އުސޫލުގެ ދަށުންނެވެ.

ހައުސިންގް މިނިސްޓްރީން ބުނީ، ހުޅުމީދޫގެ ފްލެޓުތަކަށް އެދޭ ފޯމު، ޖޫން ފަސްވަނަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށެވެ. ފޯމު ދޫކުރަން ހަމަޖެހިފައި ވަނީ ހައުސިންގް މިނިސްޓްރީގެ ލޭންޑް ބިލްޑީންގް އެންޑް މުނިސިޕަލް ސާވިސެސް ޑިޕާޓްމެންޓުގެ ހުޅުމީދޫ ސެކްޝަން އޮފީހުން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، ފޯމު ބަލައިގަންނާނީ ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް، ލޭންޑް ބިލްޑީންގް އެންޑް މުނިސިޕަލް ސާވިސެސް ޑިޕާޓްމެންޓުގެ ހުޅުމީދޫ ސެކްޝަން އޮފީހުން ކަމަށެވެ.

comment ކޮމެންޓް