އިމާރާތްތަކަކުގެ ރައްކާތެރިކަން ޔަގީން ކުރުމަށް ޓަކައި ވީހާ ވެސް އަވަހަށް "ބިލްޑިން ކޯޑް"އަކާއި އިމާރާތާ ބެހޭ ގާނޫނެއް ފާސްކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އެދިފި އެވެ.
އިމާރާތާ ބެހޭ ގާނޫނެއް ފާސްކުރުމަށް މިހާރު މަޖިލީހަށް ފޮނުވާފައިވާ އިރު މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް މިއަދު ސަން އަށް ވިދާޅުވީ ބިލްޑިން ކޯޑާއި އިމާރާތާ ބެހޭ ގާނޫނެއް ވަރަށް މުހިންމު ކަމަށާއި އެހެންކަމުން އެ ގާނޫނު ވީހާ ވެސް އަވަހަށް ފާސްކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
އިމާރާތްތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރެވޭނީ އޭރުން ކަމަށާއި މީހުން އިމާރާތްތަކަށް ވަންނަ އިރު އެތަންތަނަކީ ރައްކާތެރި ތަންތަންތޯ ޔަގީން ކުރެވިފައިވާން ޖެހޭ ކަމަށް ޖަނާ ވިދާޅުވި އެވެ.
"އިމާރާތްތަކަށް މީހުން ވަނުގައި މިނިމަމް ރިކުއާމަންޓްތަކެއް ހުންނަން ޖެހޭ، މިސާލަކަށް އިމާރާތެއް ހަދާފައި ލިފްޓްގޮޅި އެ ހުންނަނީ ހުހަށް ބަހައްޓާފައި އެތަންތަނަށް މީހުން ވަނުމުގެ ހުއްދަދިނުމުގެ ކުރިން މިނިމަމް ސުޓޭންޑާސްތަކެއް ހުންނަންޖެހޭ." ޖަނާ ވިދާޅުވި އެވެ.
ގާނޫނެއްގެ ދަށުން އިމާރާތްތަކާ ބެހޭ އޮތޯރިޓީއެއް އުފެދި އިމާރާތްތަކުގެ އުޅުމާއި ލިފްޓް ބެހެއްޓުމުގެ ހުއްދައާއި ރައްކާތެރިކަންތައްތައް މޮނީޓާ ކުރެވެން ޖެހޭ ކަމަށް ޖަނާ ވިދާޅުވި އެވެ.
މާލޭގެ އިމާރާތްތަކުގެ ރައްކާތެރިކަން ދަށްކަމުން ދޭތެރެ ދޭތެރެއިން ދަނީ ހިތާމަވެރި ހާދިސާތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް ވަނީ ތުއްތު ދަރިފުޅާ އެކު އެކުއްޖާގެ މާމަ ލިފްޓް ގޮޅިން ވެއްޓިފަ އެވެ. އެ ހާދިސާގައި އެތުއްތު ކުއްޖާ ވަނީ ނިޔާވެފަ އެވެ.
މިހާރު ވެސް މާލޭގެ ގޭގޭގައި ތަފާތު ނުރައްކާތެރި މައްސަލަތައް ފާހަގަވެ އެވެ. އެގޮތުން ލިފްޓް ގޮޅި ހުހަށް ނުހުރުމާއި ސިޑިގޮޅީގައި ޗެންޗެއިން ނެތް އިރު ޓެރެސްތަކުގައި ވެސް ޗެންޗެއިން ނެތް ފަދަ މައްސަލަ ފާހަގަވެ އެވެ.