ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ބަދަލުގައި މޮހޯއަށް ކުންފުންޏެއްގެ ހިއްސާދިން މުއާމަލާތް ބާތިލްކޮށްފި

މުހައްމަދު އައްލާމް ލަތީފް (މޮހޯ) : ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ބަދަލުގައި މޮހޯއަށް ކުންފުންޏެއްގެ ހިއްސާދިން މުއާމަލާތް ކޯޓުން ވަނީ ބާތިލުކޮށްފައި --

މޯލްޑިވްސް މާކެޓްރިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) އަށް ދައްކަންޖެހޭ ތިން މިލިއަން ޑޮލަރުގެ ބަދަލުގައި ބިޒްނެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 35 ޕަސެންޓް ހިއްސާ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ) އަށް ދިނުމަށް ހިނގާފައިވާ މުއާމަލާތަކީ ބާތިލު މުއާމަލާތެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ ބިސްނެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސެންޓް ހިއްސާވާ މ. ބޯއްޑޫ މުހައްމަދު ރިޔާޒްގެ ހިއްސާގެ ތެރެއިން 35 ޕަސެންޓް މ. ސެސްނާ މުހައްމަދު އައްލާމް ލަތީފުގެ ނަމަށް ބަދަލުކުރި ކުރުން ބާތިލު ކުރުމަށް ރިޔާޒުގެ ފަރާތުން ކޯޓުގައި އެދުމުންނެވެ.

އައްލާމުގެ ޣައިރު ހާޒިރުގައި މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އައްލާމްގެ ނަން މައްޗަށް ބަދަލުކޮށްފައިވާ 35 ޕަސެންޓް ހިއްސާއަކީ ބިޒްނެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ ތިން މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލުގައި ދީފައިވާ ހިއްސާގެ ބައެއްކަމަށް ދައުވާ ކުރާ މުހައްމަދު ރިޔާޒުގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެފައިސާއަކީ ކުންފުނީގެ ހިއްސާގެ ބަދަލުކަން ނުވަތަ އެ 35 ޕަސެންޓް ހިއްސާއަކީ ބަދަލަކާ ނުލާ ދީފައިވާ އެއްޗެއްކަން އައްލާމަށް ސާބިތުކޮށްދެވިފައިނުވާތީ އެނިންމުން ބާތިލުކުރާކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެ 35 ޕަސެންޓް ހިއްސާއަކީ އައްލާމުގެ ނަމުން ރިޔާޒުގެ ނަމަށް ބަދަލުކުރަން ޖެހޭ ހިއްސާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން 17 ދުވަހުގެ ތެރޭގައި އެ ހިއްސާ ރިޔާޒު ނަން މައްޗަށް ބަދަލުކުރުމަށްވެސް ކޯޓުން ވަނީ އަންގާފަ އެވެ.

އައްލާމް ލަތީފަކީ ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ މައްސަލައާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުން ހޯދަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވާ މީހެކެވެ.

comment ކޮމެންޓް