އިނގިރޭސި ވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަން (އެލްއެމްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ލެސްޓަރ ސިޓީގެ ކޯޗް ކްލައުޑިއޯ ރަނިއޭރީ ހޮވިއްޖެވެ.
އުމުރުން 64 އަހަރުގެ އިޓަލީ ކޯޗް ރެނިއޭރީއަށް މި އެވޯޑް ލިބިފައި ވަނީ، އޭނާ ލެސްޓަރ ސިޓީއާ ހަވާލުވި ފުރަތަމަ ސީޒަންގައި އެޓީމަށް ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމާ ގުޅިގެންނެވެ.
ރަނިއޭރީ ވެގެންގޮސްފައި ވަނީ އެލްއެމްއޭ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުކަމުގެ މަގާމް އިނގިރޭސި ވިލާތަށް ނިސްބަތްނުވާ ކޯޗަކު ހާސިލްކުރި ދެވަނަ ކޯޗަށެވެ. މީގެ ކުރީން އެ އެވޯޑް (2002 އަދި 2004 ވަނަ އަހަރު) އާސެނަލްގެ ފްރާންސް ކޯޗް އާސެން ވެންގާ ވަނީ ހާސިލްކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަނުން ހޮވާ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ބްރައިޓަންގެ ކޯޗް ކްރިސް ހަފްޓަން. ބްރައިޓަން ވަނީ މިދިޔަ ސީޒަންގައި ބަލިނުވެ 14 މެޗު ހަމަކޮށްފައި -- ފޮޓޯ: ބީބީސީ
އަހަރުގެ އެންމެ މޮޅު ކޯޗުގެ އިތުރުން ރަނިއޭރީއަށް ވަނީ، ނިމިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކޯޗުގެ އެވޯޑްވެސް ލިބިފައިވާ އިރު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ލިބުނީ ބްރައިޓަންގެ ކޯޗް ކްރިސް ހަފްޓަންއަށެވެ.

އިނގިރޭސި ވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަނުން ހޮވާ ލީގު ވަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ވިގަންގެ ކޯޗް ގެރީ ކަލްޑްވެލް. -- ފޮޓޯ: ބީބީސީ
އިނގިރޭސި ވިލާތުގެ ލީގުވަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ، ވިގަންގެ ކޯޗް ގެރީ ކެޑްވެލްއެވެ. އަދި ލީގު ޓޫގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ނޯތުހެމްޓަމްގެ ކޯޗު ކްރިސް ވައިލްޑަރއެވެ.
އިނގިރޭސި ވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަނުން ހޮވާ ލީގު ޓޫގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ނޯތުހެމްޓަންގެ ކޯޗު ކްރިސް ވައިލްޑަރސް. -- ފޮޓޯ: ބީބީސީ
ރަނިއޭރީ ލެސްޓަރ އާ ހަވާލުވި އިރު އެ ކްލަބް އޮތީ ޕްރިމިއަރ ލީގު ރެލިގޭޝަން ޒޯނުގައެވެ. އެހެން ނަމަވެސް ރަނިއޭރީ އެޓީމާ ހަވާލުވެ ވަރުގަދަ ޕްރިމިއަރ ލީގުގެ ބޮޑެތި ކްލަބްތައް ލަދުގަންނަވާލައި އެންމެން ހައިރާންކޮށްލުމަށްފަހު ލީގު ތަށި އުފުލައިލި އިރު، މުޅި ސީޒަންގައި ލެސްޓަރ ބަލިވެފައި ވަނީ އެންމެ ތިން ލީގުމެޗުންނެވެ.