ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު މޫސުން ގޯސް ވާނެ: މެޓް

އެންމެ ފަހުގެ ސެޓެލައިޓު ފޮޓޯ: ރާއްޖެ ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ އަންނަނީ އުފެދެމުން --

ކުރިއަށް އޮތް 24 ގަޑިއިރު، މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން މިއަދު "ސަން" އަށް ބުނީ މުޅި ރާއްޖެއަށް ބަލާއިރު ހުރިހާ ހިސާބަކަށް ވެސް ވައި ގަދަ ވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

މެޓުން ބުނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ.

ރާއްޖޭގެ އެކިހިސާބަށް ގުގުރުމާ އެކު ވިއްސާރަކުރާކޮށް، ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެ އަށް ވަނީ ވައިޓު އެލާޓު ނެރެފަ އެވެ. ވައިޓު އެލާޓު ނެރެފައި ވަނީ މިއަދު 12:30 އިން އޮރުއޮއްސި 6:00 އާ ހަމަ އަށެވެ.

ވައިޓު އެލާޓު ނެރެނީ މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް އެންގުމަށެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދަން ވާނެ އެވެ.

މެޓުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފަ އެވެ.

comment ކޮމެންޓް