ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އޮފީސް ތަކުގެ މެދުގައި ބޭއްވި ފުރަތަމަ އިންޓަރ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްއެންޑީއެފް ހޯދި އިރު އަންހެން ޑިވިސަންގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދައިފިއެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗު ވާދަވެރި ކުޅުމަކަށް ފަހު 13-6 ގެ ނަތީޖާ އަކުން މޯލްޑިވްސް ކަސްޓަމްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިމިގްރޭޝަންގެ އައިޝަތު ރީމާ އެވެ.
އެ މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ ޒުލައިހާ އިބްރާހިމް އާއި ކަސްޓަމްސްގެ އައިމިނަތު ޝިއުރާ އާއި އައިމިނަތު ޝައިނާ އާއި އެސްޓީއޯގެ އައިމިނަތު އިސްރާއު އަބްދުއް ޝުކޫރާއި އައިޖީއެމްއެޗްގެ އައިޝަތު ލީން އަހުމަދު އާމިރާގެ އިތުރުން އިމިގްރޭޝަންގެ އައިޝަތު ރީމާ އާއި ފާތިމަތު ރިޝްމާއެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްއެންޑީއެފް އިން ހޯދީ ރޭ ކުޅުނު ފައިނަލްގައި 18-13 ގެ ނަތީޖާ އަކުން އެމްޕީއެލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެންޑީއެފްގެ އަހުމަދު ރަޒްނީ އެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވުނީ އެސްޓީއޯގެ މުހައްމަދު އަލީ ނިޒާރު އާއި އެމްޕީއެލްގެ މުހައްމަދު ފިރުނާޝް އަބްދުﷲ އާއި އިމިގްރޭޝަންގެ އަހުމަދު ސައިފް ނައީމު އާއި އެމްއެންޑީއެފްގެ އަހުމަދު ނަސީރާ އާއި އިބްރާހިމް ހައިޝަމް އާއި މޫސާ މުހައްމަދުގެ އިތުރުން އަހުމަދު ރަޒުނީ އެވެ.
ހޭންޑް ބޯލް އެސޯސިއޭޝަނުން ފުރަތަމަ ފަހަރަށް އޮފީސްތަކަށް އަމާޒްކޮށްގެން ބޭއްވި މުބާރާތުގައި ޖުމްލަ 18 ޓީމެއް ބައިވެރިވެފައިވާއިރު އަންނަ އަހަރު ވެސް އެ މުބާރާތް ބާއްވާނެ ކަމަށް އެ ފަރާތުން ބުނެއެވެ.