ތަހުގީގުކުރާ ފުލުހުންގެ ފެންވަރު ބެލުމަށް އިމްތިހާނެއް ބާއްވައިފި

އިންވެސްޓިގޭޝަން އޮފިސަރުންގެ ފެންވަރު ބެލުމަށް ބޭއްވި އިމްތިހާނުގައި ބައިވެރިވި ބައެއް އޮފިސަރުން އިމްތިހާނު ހަދަނީ -- ފޮޓޯ: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންގެ ފެންވަރު ބެލުމަށް އިމްތިހާނެއް ބާއްވައިފި އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ކުރިއަށް ގެންދިޔަ އިމްތިހާނަކީ ތަހުގީގު ކުރާ ފުލުހުންގެ ފެންވަރު ރަނގަޅުކޮށް އެމީހުންނަކީ ގާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން އަލަށް ފަށައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންވެސްޓިގޭޝަން އޮފިސަރުންގެ މިހާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ދެވުނު ބޭސްލައިން އިމްތިހާނެއް ކަމަށް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ އިމްތިހާނުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ގަބޫލުކުރާ މިންގަނޑަށްވުރެ ދަށް ނަތީޖާއެއް ލިބޭ އޮފިސަރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި އެ މިންގަނޑަށް އައުމަށް އިތުރު ފުރުސަތެއް ދެވޭނެ ކަމަށާއި އޭގެ އިތުރުން، އެ ފުލުހުންނަށް ތަމްރީނުތައް ދޭންޖެހޭ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ތަމްރީންތައް ދެވޭނެ ކަމަށެވެ.

"އެއަށްފަހު އިތުރު އިމްތިހާނެއް އެ ފުލުހުންނަށް ދެވިގެންދާނެ" އޭސީޕީ ނަވާޒް ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ބަލައި، ރައްޔިތުންގެ ހައްގު ހޯދައި ދެވޭ މިންވަރު ބިނާވަނީ ތަހުގީގުގައި ކުރެވޭ މަސައްކަތެއްގެ މައްޗަށް ކަމަށް ވުމުން، ތަހުގީގު ތަކުގައި ކުރެވޭ މަސައްކަތަކީ އެ މައްސަލައާ ގުޅިގެން ކުރެވޭނެ އެންމެ ފުރިހަމަ މަސައްކަތްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

"މީގެ ކުރިންވެސް މި ކަން ކަށަވަރު ކުރުމަށް ދިޔައީ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް، މިހާރު މި ފެށިގެންދިޔަ މައްސައްކަތުގެ ސަބަބުން ތަހުގީގުތަކަށް އިތުރު ކުރިއެރުން ތަކެއް އަންނާނެކަމަށް ދެކެން" އޭސީޕީ ވިދާޅުވި އެވެ.

އެގޮތުން އިއްޔެ ފެށިގެން ދިޔަ މަސައްކަތުގެ ސަބަބުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގައި މަސައްކަތްކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުންނަކީވެސް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ގަބޫލުކުރާ ވަކި ފެންވަރެއް ހުރެގެން، މިހާރަށްވުރެ ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އޭސީޕީ ވިދާޅުވި އެވެ.

comment ކޮމެންޓް