އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ތެރެއިން: މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ މެޗާއި ފިރިހެން ޑިވިޝަނުގެ ސެމީގެ މެޗުތައް --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އެއްވަނަ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީގެ ޖާގަތައް ކަށަވަރުވީ ކުއާޓާ ފައިނަލު މެޗުތަކުން މޮޅުވި ޓީމުތަކަށެވެ. އަދި ފިރިހެން ޑިވިޝަނުގެ ސެމީއަށް ދަތުރުކޮށްފައިވަނީ ގްރޫޕް އޭ އަދި ގްރޫޕް ބީގެ އެއްވަނަ އާއި ދެވަނަ ޓީމެވެ.

އަންހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އިމިގްރޭޝަނާއި، ކަސްޓަމްސް އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އެވެ. ފިރިހެން ޑިވިޝަނުގެ ސެމީއަށް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އިމިގްރޭޝަނެވެ.

އަންހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުއާޓާގައި އެންމެ ރަނގަޅު ނަތީޖާ ހޯދި އިމިގްރޭޝަނާއި ކަސްޓަމްސް އެވެ. މިރޭ ކުޅޭ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، އެ މެޗުން ބަލިވާ ޓީމެއް ވާދަކުރަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައެވެ. އެ މެޗުން ބަލިވާ ޓީމު، ސެމީގެ ދެވަނަ މެޗުގައި މާދަމާރޭ ނުކުންނަން ޖެހޭނީ އައިޖީއެމްއެޗްއާ ދެކޮޅަށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ފިރިހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ މެޗުގައި އެމްޕީއެލްއާއި ޕޮލިސް ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އިމިގްރޭޝަނެވެ. މިރޭ ކުޅެ އެ މެޗުތަކުން މޮޅުވާ ދެ ޓީމަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.

އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ އެވެ.

comment ކޮމެންޓް