ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނު ފަހު މެޗުގައި ޔަންގޮން އަތުން ބަލިވެއްޖެ

އޭއެފްސީ ކަޕްގައި މާލޭގައި މާޒިޔާ އާއި ޔަންގޮން ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މިޔަންމާގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ އަތުން ޔަންގޮން މޮޅުވީ 3-2 ލަނޑުން -- ސަން ފައިލް ފޮޓޯ

އޭއެފްސީ ކަޕުގެ ގްރޫޕް ޖީގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކުޅުނު ފަހު މެޗުގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އަތުން ބަލިވެއްޖެ އެވެ.

މިޔަންމާގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ އަތުން 3-2 ލަނޑުން ޔަންގޮން މޮޅުވި ނަމަވެސް، އެ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބިފައެއް ނުވެ އެވެ. މިއަދު އިންޑިއާގައި މޯހަން ބަގާން އަތުން 3-0 ލަނޑުން މޮޅުވުމާއެކު ދެވަނަ ބުރުގެ ފަހު ޖާގަ ލިބުނީ ހޮންކޮންގެ ސައުތު ޗައިނާއަށެވެ.

ގްރޫޕް ޖީގެ ފަހު މެޗުތަކަށް ނުކުތްއިރު، މާޒިޔާ އާއި ސައުތު ޗައިނާ އަދި ޔަންގޮންއަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތެއް އޮތެވެ. ގްރޫޕުގެ ފަހު މެޗަށްފަހު ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ މޯހަން ބަގާން އެވެ. ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދި ސައުތު ޗައިނާއަށް ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޔަންގޮންއަށް ހަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް މާޒިޔާއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

މިއަދު މާޒިޔާ އާއި ޔަންގޮން ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ޔަންގޮންއިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޔަންގޮންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާސެލޯ ފެނާންޑޭޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔަންގޮން ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. އޭގެ ދެ މިނެޓުފަހުން ޔަންގޮންއިން އަލުން ލީޑު ނެގި އެވެ. އެ ލަނޑު ޔަންގޮންއަށް ކާމިޔާބުކޮށްދިނީ ކީ ލިން އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޔަންގޮންއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑު ޔަންގޮންއަށް ކާމިޔާބުކޮށްދިނީ ޒޯ މިން ޓުން އެވެ. މެޗުގައި މާޒިޔާއިން ޖެހި ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ އެވެ.

އިންޑިއާގެ ގުވާހަޓީގެ އިންދިރާ ގާންދީ އެތުލެޓިކް ސްޓޭޑިއަމްގައި ސައުތު ޗައިނާއާ ދެކޮޅަށް ނުކުތް އިރު، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ މޯހަން ބަގާންއަށް ލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އެ މެޗުގައި މޯހަން ބަގާން ކޮޅަށް ސައުތު ޗައިނާއިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ލޯ ހިއު ޗުންގް އާއި، ރަޔަން ގްރިފިތުސް އަދި މަހަމާ އަވާލް އެވެ.

comment ކޮމެންޓް