ލެސްޓާގެ އެންމެ މޮޅު ކުޅުންތެރިންނަށް ކަންޓޭ އާއި މަހްރޭޒް ހޮވިއްޖެ

ލެސްޓާ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކަންޓޭ(ކ) އާއި ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަހްރޭޒް(ވ) --- ފޮޓޯ: އޭޕީ

ލެސްޓާ ސިޓީގެ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިންނަށް ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި އަލްޖީރިއާ މިޑްފީލްޑަރު ރިޔާދް މަހްރޭޒް ހޮވިއްޖެ އެވެ.

ލެސްޓާ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކަންޓޭ ހޮވުނު އިރު، މަހްރޭޒް ހޮވިފައިވަނީ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ލެސްޓާއަށް ހޯދައިދިނުމަށް ކަންޓޭ މުހިންމު ދައުރެއް އަދާކުރި އިރު، މަހްރޭޒް އަކީ މި ސީޒަނުގެ ޕީއެފްއޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ.

ކެންޓޭއަކީ މިދިޔަ އަހަރުގެ އޮގަސްޓުމަހު 5.6 މިލިއަން ޕައުންޑުގެ އަގަކަށް ފްރާންސް ކްލަބެއް ކަމަށްވާ އެސްއެމް ކާންއިން ލެސްޓާއާ ގުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސި ފުޓްބޯޅައަށް ހޭނި، ޕްރިމިއާ ލީގުގެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނިފަ އެވެ.

ލެސްޓާ ސިޓީއާ މަހްރޭޒް ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ފްރާންސް ކްލަބެއް ކަމަށްވާ ލެ ހަވްރޭއިން ލެސްޓާއާ މަހްރޭޒް ގުޅިފައިވަނީ 500،000 ޕައުންޑްގެ އަގަކަށެވެ. އޭނާ އެ ކްލަބާ ގުޅުމަށްފަހު މިހާތަނަށް ޖުމްލަ 17 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ޖަހައިދިނުމަށް މަގުފަހިކޮށްދީފައިވެ އެވެ.

comment ކޮމެންޓް