ދިއްދޫގައި ބާއްވާ ގައުމީ ދިގު ފެތުމުގެ މުބާރާތް ފަސްކޮށްފި

މިދިޔަ މަހު ކުރިއަށްދިޔަ ކިޑްސް ސްވިމިން ފެސްޓިވަލްގެ ތެރެއިން: މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ގައުމީ ދިގުފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ހިމެނޭ ސަރަހައްދު ނޫން އެހެން އަތޮޅެއްގައި --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ސުވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި އަހަރު ހއ. ދިއްދޫގައި ބާއްވަން ހަމަޖެހިފައިވާ ގައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ފަސްކޮށްފި އެވެ.

ގައުމީ ދިގުފެތުމުގެ މުބާރާތް ފަސްކޮށް، މިހާރު މުބާރާތް ބާއްވާ ތާރީހެއްގެ ގޮތުގައި ސުވިމިން އެސޯސިއޭޝަނުން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިއްދޫގައި ބާއްވާ ގައުމީ ދިގުފެތުމުގެ މުބާރާތުގައި ކުރިއަށް ދާނީ ފަސް ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހާއި އެއް ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހެވެ. އަދި އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށް އެއް ކިލޯ މީޓަރުގެ ރޭހެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތުގައި އަންހެން ފެތުންތެރިންނާއި ފިރިހެން ފެތުންތެރިން ވާދަކުރާނީ ވަކިވަކިންނެވެ.

ގައުމީ ދިގުފެތުމުގެ މުބާރާތުން އެކި ވަނަތަކަށް ހޮވޭ ފެތުންތެރިންނަށް ފައިސާގެ އިނާމާއި މެޑެލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 26 ވަނަ ދުވަހުގެ 14:00 އެވެ.

އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ސުވިމިން އެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގެ ގަވާއިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ސުވިމިން އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް