ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަންގަނާ ރަނައުތު އާއި ރިތިކު ރޯޝަންގެ ލޯބީގެ ކޯޅުންގަނޑުގެ ވާހަކަ އަކީ މިހާރު އެއްވެސް ބަޔަކަށް އާ ވާހަކަ އެއް ނޫނެވެ. އެ ދެތަރިން ފަށައިގެން އުޅޭ ހަނގުރާމަ ދުވަހަކަށް ވުރެ ދުވަހެއް ހޫނެވެފައިވާއިރު، އެކަން ހުއްޓާލުމަށް ގިނަ ފަރާތްތަކަކުން އަންނަނީ އެ ދެ ތަރިންނަށް ނަސޭހަތްތެރިވަމުން ނެވެ.
އެ ހަނގުރާމަ އެންމެ ފުރަތަމަ ފެށިގެން އައީ ޓުވިޓާ އިންނެވެ. ކަންގަނާ ކުރި ޓުވީޓަކަށް ރިތިކު ރައްދު ދިން ހިސާބުންނެވެ. އެއަށްފަހު ދެ ތަރިން އެކަކު އަނެކަކަށް މެދުކެނޑުމެއްނެތި ރައްދު ދެމުން ދިޔަ އެވެ. އަދި އެދެތަރިންގެ މެދުގައި އޮތް ގުޅުމުގެ ފަތިފުށް މީޑިއާ އަށް ހާމަވަމުން ދިޔަ އެވެ.
އެހެންނަމަވެސް، ކަންގަނާގެ ވާހަތައް ރިތިކު އައީ ދޮގު ކުރަމުންނެވެ. އެފަދަ ގުޅުމެއް ކަންގަނާ އާއެކު ނުބާއްވާކަމަށް ރިތިކު އައީ ބުނަމުންނެވެ. ޓުވިޓާއިން ފެށުނު އެ ކޯޅުންގަނޑު އެންމެ ފަހުން ކޯޓާ ހިސާބަށް ދިޔަ އެވެ.
އެއް ބަޔަކު ކަންގަނާ ގެ ވާހަކަތަކަތައް ދޮގުކޮށް އެ ވާހަކަ ތަކަށް ރައްދު ދެމުންދާއިރު، އަނެއް ބަޔަކު އަންނަނީ ރިތިކުގެ ވާހަކަތައް ދޮގުކޮށް އެ ވާހަކަ ތަކަށް ރައްދު ދެމުންނެވެ. އަދި ކޯޅުންގަނޑު ނިމުމަކަށް ގެނައުމަށް އަނެއް ބަޔަކު އަންނަނީ އެ ދެ ތަރިންނަށް ނަސޭހަތްތެރިވަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމު އުފައްދާ ފަރާތްތަކާއި މަޝްހޫރު ތަރިންވެސް ހިމެނެ އެވެ.
ވަކި ފަރާތަކަށް ނުޖެހި، އެ ކޯޅުންގަނޑު ނިމުމަކަށް ގެނައުމަށް ނަސޭހަތްތެރިވާ ތަރިންތަކުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ހިމެނެ އެވެ.
"ހައުސްފުލް 3"ގެ ލަވައެއް ރިލީޒު ކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި، ރިތިކު އާއި ކަންގަނާގެ ހަނގުރާމަ އާ ދޭތެރޭ ދެކޭ ގޮތް އަކްޝޭ ވެސް ވަނީ ހާމަކޮށްފަ އެވެ.
"އެ ހަނގުރާމަ ހިނގަނީކީ ބޮލީވުޑަކު ނޫން، އަހަރެންގެ ގޭގައި،" ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ރިތިކު އާއި އެއް އިމާރާތެއްގައި ދިރިއުޅެމުން އަންނަ އަކްޝޭ ބުންޏެވެ.
"މިހާރު އެ ދެ ތަރިންގެ ހަނގުރާމަ ހުއްޓާލަން ޖެހޭ ވަގުތު ޖެހިއްޖެ. އަހަރެން އުއްމީދު ކުރަން އެކަން ވަރަށް އަވަހަށް ނިމޭނެ ކަމަށް." އަކްޝޭ ބުންޏެވެ.
ކޮންމެ އަކަސް، ކަންގަނާ އާއި ރިތިކުގެ ހަނގުރާމަ މިހާރު ވަނީ ވަރަށް ހޫނު ވެފަ އެވެ. އެ ދެތަރިން އެ މައްސަލާގައި ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، އެތަނުން ތެދު އަދި ދޮގު ހަދަނީ ކޮން ތަރިއެއް ކަމެއް އެއްވެސް މީހަކަށް ނޭނގެ އެވެ.