އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަލީ ފާސިރު (ސެންޓޭ) ފުރިހަމަކުރި ހެޓްރިކާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ފަސޭހަކަމާއެކު ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީގެ މައްޗަށް ޓީސީއިން ކުރީ ހޯދީ 4-1 ލަނޑުންނެވެ. މެޗުގައި ފާސިރު ހެދި އެ ހެޓްރިކަކީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ ހެޓްރިކެވެ.
އެ މެޗަށް ނުކުތުމުގެ ކުރިން ލީގުގައި ޓީސީ އަދި ވިކްޓަރީ ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން 2-1 ލަނޑުން ބަލިވިއިރު، ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެފައިވަނީ 5-2 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ރަނގަޅު ކުޅުމަކާއެކު ޓީސީއިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަލީ ފާސިރު (ސެންޓޭ) ނަގަައިދިން ހުރަހަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަލީ ނާފިއު އުފެއްދި ހަމަލާ ކީޕަރު އިބްރާހިމް އިފްރާހު އަރީފް ވަނީ ފަސޭހަކަމާއެކު ހޯދައިފަ އެވެ.
މެޗުގެ ހަ ވަނަ މިނެޓުގައި ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަލީ އިފާޒް ނަގައިދިން ހުރަހަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އޮމޮދޫ ގޮޑްފްރޭ ވެސްޓް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ ދިން ބޯޅައަކުން ޓީސީއަށް ލީޑު ހޯދައިދިނީ ނާފިއު އެވެ. ނާފިއުއަށް ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވަރަށް ހުސްކޮށެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ޓީސީއިން ވަނީ އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ނާފިއު ދިން ރީތި ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ތެރެއަށް ސެންޓޭ ބޯޅަ ފޮނުވާލިއިރު، އޭނާއަށް މާބޮޑު ހުރަސްތަކަކާ ކުރިމަތިވެފައެއް ނުވެ އެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ވިކްޓަރީން ލަނޑެއްޖަހައި، ޓީސީއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކުރި އެވެ. ވިކްޓަރީއަށް ލިބުނު ހިލޭ ޖެހުމަކުން އިފާޒް ނަގައިދިން ހުރަހަކުން ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ އެވެ. އޭނާއަށް ލިބުނު ބޯޅަ، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވަނީ ފޮނުވާލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޓީސީއިން ވަނީ ލަނޑެއްޖަހައި އަލުން ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ. ވިކްޓަރީގެ ގޯލުގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލާފައިވަނީ ކީޕަރު އިފްރާހި ކައިރިން ނައްޓާލުމަށްފަހު އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު ތަސްނީމް ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، އިބްރާހިމް ފުރުގާން އުފެއްދި ހަމަލާ، ކީޕަރު މުހައްމަދު އިމްރާން ވަނީ ފަސޭހަކަމާއެކު ހޯދައިފަ އެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޓީސީއަށް ލިބުނު ޕެނަލްޓީއަކުން ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޓީސީއަށް އެ ޕަނަލްޓީ ލިބުނީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފާސިރުއަށް އަލީ ޝަރީފް (އައްޔަ) ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ވިކްޓަރީއަށް ވެސް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް ޕެނަލްޓީން އޮމޮދޫ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ. ވިކްޓަރީއަށް އެ ޕެނަލްޓީ ލިބުނީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު އަބްދުﷲ (ލިލީ) ބޯޅައިގައި އަތްލުމުންނެވެ.
މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް، ވިކްޓަރީއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު ރިސްވާން ދިން ބޯޅައަކުން އޮމޮދޫ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ލީގުގައި ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9:00 ގައެވެ.