އިނގިރޭސި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވި 2015/16 ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ ހޮވިއްޖެއެވެ.
ޖުމްލަ 290 ނޫސްވެރިން ވޯޓް ދިން އެ ޕޯލް ވާޑީ ކަމިޔާބް ކުރީ 36 ޕަސެންޓް ވޯޓް ލިބިގެންނެވެ. ވާޑީއާއެކު އެ އެވޯޑަށް ދެން ވާދަކުރީ ވެސް އިނގިރޭސި ލީގްގެ އެއްވަނައިގައި އޮތް ލެސްޓާ ސިޓީގެ ދެކުޅުންތެރިންނެވެ. އެއީ ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ހޮވި އަހަރުގެ މޮޅު ކުޅުންތެރިއާ އަލްޖީރިއާގެ ރިޔާދް މާރޭޒް އާއި ފްރާންސްގެ ޒުވާން ފޯވާޑް އެން ގޮލޯ ކޭންޓް އެވެ.
އުމުރުން 29 އަހަރުގެ ވާޑީ ވަނީ މި ސީޒަނުގައި ކުޅުނު 36 މެޗުގައި 22 ގޯލު ކާމިޔާބް ކޮށްފައެވެ. ވާޑީ އަށް ލަނޑު ލިސްޓްގެ ތިން ވަނަ ލިބޭއިރު އޭނާ އަށް ވުރެ ދެ ގޯލު އިތުރަށް ކާމިޔާބް ކޮށް އެއްވަނާގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގެ ތާރީހުގައި ލީގް އަލަށް އުފާލުމަށް ތައްޔާރުވަމުންދާ ލެސްޓާ ސިޓީ އެ ހިސާބަށް ގެނައުމުގައި އެންމެ މުހިންމެ ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކަށް ވާޑީ ވެގެންދާއިރު އޭނާ ވަނީ މި ސީޒަނުގައި ޖެހިޖެހިގެން 11 މެޗުގައި ގޯލު ކާމިޔާބް ކޮށް ރިކޯޑެއް ވެސް ގާއިމްކޮށްފައެވެ.
އެވޯޑް ލިބުމުން ވާޑީ ބުނީ 64 ދިގު ތާރީހެއް އޮންނަ އެ އެވޯޑް ހޯދި ކުޅުންތެރިންގެ ލިސްޓަށް އޭނާގެ ނަން ހިމެނިގެން ދިއުމުން އެކަމާ އުފާވާ ކަމަށާއި އެ މަގާމަށް އޭނާ ހޮވުމަށް ވޯޓްދިން ހުރިހާ ނޫސްވެރިންނަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.
"އެންމެ ބޮޑު ޝުކުރެއް ހައްގު ވާނީ އަހަރެން މި މަގާމަށް ގެނައުމުގެ މަސަތްކަތް ކޮށްދިން ޓީމުގެ ކުޅުންތެރިންނަށް. ވަރަށް ތަފާތު ކާމިޔާބު ސީޒަނަކަށް ވެގެން މިދަނީ. މިއީ ވަކިވަކި ކުޅުންތެރިންގެ މަސަތްކަތެއް ނޫން. މިކަމުގެ ފަހަތުގައި ވަނީ މުޅި ޓީމް،" ވާޑީ ބުންޏެވެ.