ނޭޕާލުގައި ތިބި ދިވެހިންނަށް އަމާޒުކޮށްގެން، އެގައުމުގައި ހަރަކާތްތެރިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން އެއްދުވަހުގެ ފުޓްސަލް ލީގެއް ބާއްވައިފި އެވެ.
"އެކުވެރިންގެ ކަޕް"ގެ ނަމުގައި ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ދުކޫ ފުޓްސަލް ގްރައުންޑުގައި އިއްޔެ ބޭއްވި އެ މުބާރާތަކީ އެ އެސޯސިއޭޝަނުން ބޭއްވި އެފަދަ ފުރަތަމަ މުބާރާތެވެ.
އެ މުބާރާތުގައި ކަތަމަންޑޫ އަދި ޕޮކަރާގައި ދިރިއުޅޭ ޖުމްލަ 70 ދިވެހިން ބައިވެރިވި އިރު، މުބާރާތުގައި ކޮންމެ ސަރަހައްދަކުން ވެސް ދެ ޓީމު ބައިވެރިވެފައިވެ އެވެ. މުބާރާތުގެ ދައުވަތު ބިރާތުނަގަރުގައި އުޅޭ ދިވެހިންނަށް ވެސް ދިނެވެ. ނަަމަވެސް ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

ނޭޕާލުގައި ތިބި ދިވެހިންނަށް އެގައުމުގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން ބޭއްވި ފުޓްސަލް ލީގުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވިއަން ސްޓޫޑަންޓް އެސޯސިއޭޝަން - ނޭޕާލް
އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލް ކުޅެންޖެހޭ ގޮތަށް އިންތިޒާމްކުރި އެ މުބާރާތުގެ ފައިނަލުގައި ކުޅެފައިވަނީ ކަތަމަންޑޫ އިން ބައިވެރިވި ދެ ޓީމު ކަމަށްވާ، ޔޫނިއަން ޕަޗާސް އަދި ފިޒިކަލީ ފިޓް އެވެ.
ފައިނަލުގައި 3-5 ގެ ނަތީޖާއަކުން ފިޒިކަލީ ފިޓް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޔޫނިއަން ޕަޗާސް އެވެ.
އެ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ހޯދާފައިވަނީ، ނޭޕާލުގައި އޯތޮޕީޑިކްސް އިން މަތީ ތައުލީމް ހާސިލްކުރަމުންދާ، ޔޫނިއަން ޕަޗާސްގެ ޑރ. އަލީ މަފާޒް ރަޝީދެވެ.

ނޭޕާލުގައި ތިބި ދިވެހިންނަށް ބޭއްވި ފުޓްސަލް ލީގުގެ ޗެމްޕިއަން ޓީމް، ކަތަމަންޑޫގެ "ޔޫނިއަން ޕަޗާސް" ގެ ކުޅުންތެރިން --- ފޮޓޯ/ މޯލްޑިވިއަން ސްޓޫޑަންޓް އެސޯސިއޭޝަން - ނޭޕާލް
މުބާރާތުގެ މައުލޫމާތު ސަން އަށް ދެއްވަމުން ނޭޕާލުގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ވިދާޅުވީ، އެ މުބާރާތުގެ މަގްސަދަކީ ނޭޕާލުގައި ތިބި ދިވެހިން އެއްތަނަކުން ބައްދަލުވެ ދިވެހިންގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.
"ނޭޕާލަށްއައި ބިންހެލުމަށްފަހު އަންނަމުންދާ ލޮޅުންތަކުން ހުރިހާ އެންމެންވެސް ތިބީ އެހެން ބިންހެލުމެއް އަތުވެދާނެ ކަމުގެ ބިރު ހީވެފައި. އެހެންކަމުން އަޅުނގަޑުމެންގެ ހިޔާލަށް އައީ ނޭޕާލުގައި ތިބި ދިވެހިންގެ އެކުވެރިކަން އާލާކޮށް ބިންހެލުމުގެ ސަބަބުން އުފެދިފައިހުރި ބިރުވެރިކަމާއި ހާސްކަން ފިލުވާލުން،" ނޭޕާލުގައި ހުރެ ސަން އަށް މައުލޫމާތުދެމުން މުހައްމަދު އަލީ ވިދާޅުވި އެވެ.

ނޭޕާލުގައި ތިބި ދިވެހިންނަށް ބޭއްވި ފުޓްސަލް ލީގުގެ ރަނަރަޕް ޓީމް، ކަތަމަންޑޫގެ "ފިޒިކަލީ ފިޓް" ގެ ކުޅުންތެރިންނާއި ސަޕޯޓަރުން --- ފޮޓޯ/ މޯލްޑިވިއަން ސްޓޫޑަންޓް އެސޯސިއޭޝަން - ނޭޕާލް
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ޖަމިއްޔާގެ ފަރާތުން އިތުރު ފުޓްސަލް މުބާރާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ބާއްވަން ގަސްތުކުރާ މުބާރާތް ޕޮކަރާގައި ބޭއްވުމަށް އުއްމީދުކުރާ ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.
މުބާރާތް ބޭއްވުމަށް ކޮންސިއުލޭޓް ނިރްވާނާ ޗައުދަރީ ދެއްވި އެހީތެރިކަމާއި އެއްބާރުލުން ނޭޕާލުގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން މެޗް ބެލުމަށް ފުޓްސަލް ގްރައުންޑަށް ދިޔައިރު، އެ މުބާރާތަށް އައި ހުރިހާ ދިވެހިންނަށް ވަނީ ރޭގަނޑުގެ ކެއުމެއް ބާއްވާފައެވެ.

ނޭޕާލުގައި ތިބި ދިވެހިންނަށް އެގައުމުގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން ބޭއްވި ފުޓްސަލް ލީގުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވިއަން ސްޓޫޑަންޓް އެސޯސިއޭޝަން - ނޭޕާލް
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އާއި ނޭޕާލުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ، ބިރަތުނަގަރު އަދި ޕޮކަރާގައި ގާތްގަނޑަކަށް 90 ވަރަކަށް ދިވެހިން އުޅެއެވެ.