ހާއްސަ އެހީއަށް ބޭނުންވާ ކުދިން ފަންނުވެރިންނަށް ހެދުމަށް ހާއްސަ ޕްރޮގްރާމެއް ހިލޭ!

ސްކިލް ޓްރެއިނިން ސެންޓަރުގައި އިއްޔެ ފެށި "ޕާލް" ޕްރޮގްރާމުގެ ބައެއް ކުދިން --- ފޮޓޯ/ ސްކިލް ޓްރެއިނިން ސެންޓަރު ފޭސްބުކް ޕޭޖް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އާޓް އެންޑް ކްރާފްޓް ދަސްކޮށްދިނުމަށް ސްކިލް ޓްރެއިނިން ސެންޓަރު (އެސްޓީސީ) އިން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

"ޕާލް"ގެ ނަމުގައި އިއްޔެ ފެށި އެ ޕްރޮގްރާމްގެ މައުލޫމާތު ސަން އަށް ދެއްވަމުން އެސްޓީސީގެ ފައުންޑާ ދިމްނާ ފާކިރު ވިދާޅުވީ، އެ ޕްރޮގްރާމުގެ ދަށުން ކުލާސްތައް އޮންނާނީ ކޮންމެ މަހަކު އެއް ފަހަރު، ކޮންމެ މަހެއްގެ އެންމެ ފަހު ހޮނިހިރު ދުވަހު ކަމަށެވެ.

ހިލޭ ބައިވެރިވެވޭ އެ ޕްރޮގްރާމުގައި ކޮންމެ މަހަކު ވެސް ހާއްސަ އެހީއަށް ބޭނުންވާ 10 ކުދިންނަށް ބައިވެރިވެވޭނެ އެވެ. ނަމަވެސް ބޮޑަށް އަމާޒުކުރެވިފައިވަނީ ފަސް އަހަރާއި 13 އަހަރާ ދެމެދުގެ ޑައުން ސިންޑްރޯމް، އޯޓިޒަމް އަދި ސެރެބްރަލް ޕަލްސީގެ ކުދިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގައި އިއްޔެ ފެށި "ޕާލް" ޕްރޮގްރާމުގެ ބައެއް ކުދިން --- ފޮޓޯ/ ސްކިލް ޓްރެއިނިން ސެންޓަރު ފޭސްބުކް ޕޭޖް

"އަޅުނގަޑުމެން ސެންޓަރުގައި ކުރިއަށްގެންދާ ވީކް-އެންޑް ސްކިލް ޕްރޮގްރާމްތަކުގައި ވެސް މަދުން ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިވޭ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ވަރަށް ބޮޑު އެދުމެއް މިއީ. އަޅުނގަޑުމެންގެ ސެންޓަރަކީ ކުޑަ ތަންކޮޅަކަށްވާތީއާ އެކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން މި ޕްރޮގްރާމް ފެށީ،" ދިމްނާ ވިދާޅުވި އެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގައި އިއްޔެ ފެށި "ޕާލް" ޕްރޮގްރާމުގެ ބައެއް ކުދިން --- ފޮޓޯ/ ސްކިލް ޓްރެއިނިން ސެންޓަރު ފޭސްބުކް ޕޭޖް

ޕާލް ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރު ވެސް ސްކިލް ޓްރެއިނިން ސެންޓަރުގައި ނަން ނޯޓު ކުރެވޭނެ ކަމަށާއި ނަމަވެސް ފުރުސަތުދޭނީ ކުރިން ބައިވެރިނުވާ ކުދިންނަށް ކަމަށް ދިމްނާ ވިދާޅުވި އެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގައި ހިންގާ ވީކް-އެންޑް ސްކިލް ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންނަށް ކުޑަކުދިންގެ ޒުމްބާ އާއި ފަންނުވެރިކަން ދަސްކޮށްދިނުމުގެ އިތުރުން އިޖްތިމާއީ ހުނަރުތައް ވެސް ދަސްކޮށްދެއެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ އަގަކީ އެންމެ 500 ރުފިޔާ އެވެ.

comment ކޮމެންޓް