ބައިވެރިންގެ "ޗޮއިސް" ދައްކާލައިފި، ޖަޖުން އަދި ބެލުންތެރިންގެ ޗޮއިސް އަކަށް ވާނީ ކާކުބާ؟

ޝޯވ ގެ ގަދަ ތިން ބައިވެރިން ކަމުގައިވާ ޝަލަބީ (ކ)، ލައިޝާ (މ) އަދި އިޝާން (ވ) --- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

ފުރަތަމަ މޯލްޑިވިއަން އައިޑޮލް އަށް ވުމަށްޓަކައި، ގަދަ ތިން ބައިވެރިންނަށް ލިބުނު "މައި ޗޮއިސް" ގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި މޮޅު ލަވަތަކެއް މިރޭ ހުށަހަޅައި ދީފި އެވެ.

މިރޭ ނިމިގެން ދިޔަ އައިޑޮލްގެ އެންމެ ފަހު ޕާފޯމެންސް ޝޯވ އެވެ. މިރޭގެ ޝޯވ ގައި ގެސްޓު ޖަޖެއްގެ ގޮތުގައި މަޝްހޫރު އާޓް ޑައިރެކްޓަރު މުންކޮ ބައިވެރިވި އިރު، ބައިވެރިން ލަވަ ހުށަހަޅާދީފައި ވަނީ "މައި ޗޮއިސް" ތީމް އަށެވެ.

މިރޭގެ ގެސްޓު ޖަޖު މުންކޮ -- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

އެ ތީމުގެ ދަށުން ކޮންމެ ބައިވެރިއަކުވެސް ވަނީ އެ ބައިވެރިއަކަށް އެންމަ ކަމުދާ، އަދި ހިތްހަމަ ޖެހޭ ދެ ލަވައެއް ހުށަހަޅައިދީފަ އެވެ.

މިހާރު ޝޯވގައި ހުރި ހަމައެކަނި އަންހެން ބައިވެރިޔާ، ލައިޝާ ޖުނައިދު ހުށަހަޅައިދީފައި ވަނީ ރީތި ހިންދީ ލަވައެއް ކަމުގައި "މެ ތެނޫ ސަމްޖާވާންގީ" ގެ ރާގަށް އުފައްދާފައިވާ ދިވެހި ލަވަ "އެކުގަ ވަނީ" އާއި ފާތިމަތު ރީއަތުގެ "ކައްޗަށް އެޅި ބިންގާ" އެ ލަވަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް އަށް ވާދަކުރާ ލައިޝާ -- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

ފުރަތަމަ ލަވައަށް ޖަޖުންގެ ފަރާތުން އެންމެ އެދެވޭ ކޮމެންޓުތަކެއް ނުލިބުނު ނަމަވެސް، ދެވަނަ ލަވައަށް ޖަޖުން ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. މިރޭ އެންމެ ތަފާތު ހުށަހެޅުންތަކެއް ގެނެސްދީފައި ވަނީވެސް ލައިޝާ އެވެ.

ފަހު ފުރުސަތުގައި އިޝާން ވަނީ ޖަޖުން ހިތްހަމަޖެހޭ ވަރުގެ ވަރުގަދަ ދެ ހުށަހެޅުމެއް ގެނެސްދީފަ އެވެ. އަލީ ރަމީޒުގެ "ނިންދެވީ ތި މޭ މަތީ" އަށް ޖަޖުން ތައުރީފު ކުރި އިރު ދެވަނައަށް ހުށަހަޅައިދީފައި ވަނީ ވަން ނައިޓް ސްޓޭންޑުގެ "އާ ފެށުން" އެވެ. އެ ލަވައަށްވެސް ޖަޖުންގެ ފަރާތުން ލިބުނީ ވަރަށް އެދެވޭ ކޮމެންޓުތަކެކެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް އަށް ވާދަކުރާ އިޝާން -- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

ޝޯވގެ ފެވަރިޓްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝަލަބީވެސް ވަނީ އެހެން ރޭތަކެކޭ އެއްގޮތަށް، ޖަޖުންގެ ހިތް އަތުލާފަ އެވެ. ޝަލަބީ މިރޭ ހުށަހަޅައިދިނީ އަލީ ރަމީޒުގެ "އައިޝާ" އަދި ޝިއުޒްގެ "ހީވިއޭ" އެވެ.

ދެ ލަވައަށްވެސް ޖަޖުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓުތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް އަށް ވާދަކުރާ ޝަލަބީ -- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

މިރޭގެ ހުށަހެޅުންތަކަކީ ޖަޖުން މާކްސް ދޭނެ، އަދި ބެލުންތެރިންނަށް ވޯޓު ދެވޭނެ އެންމެ ފަހު ހުށަހެޅުންތަކެވެ. ފުރަތަމަ މޯލްޑިވިއަން އައިޑަލް ހޮވާނީވެސް މިރޭގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށެވެ.

ޕްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ފުރަތަމަ މޯލްޑިވިއަން އައިޑަލް ހޮވުމަށް ފަނޑިޔާރުންގެ 50 ޕަސެންޓް މާކްސްގެ އިތުރަށް ބެލުންތެރިންގެ 50 ޕަސެންޓް ވޯޓުވެސް ހިމަނާ އިރު، ވޯޓު ދިނުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ 16:00 ގެ ނިޔަލަށް ވަނީ ހުޅުވިފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ޖަޖުން -- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

ގާލާ ރައުންޑުގެ ކޮންމެ ޝޯވ އަކުން ވެސް ތަފާތު އެކި ފަންނާނުން ގެސްޓް ޖަޖުންގެ ގޮތުގައި ޖަޖުންގެ ޕެނަލުގައި ބައިވެރިވެ، ޝޯވގެ ބައިވެރިންގެ ހުށަހެޅުންތަކަށް ކޮމެންޓް ކޮށްފައިވާއިރު، ތަފާތު އެކި ހަރަކާތްތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ގަދަ 12 ބައިވެރިންނާއެކު ފެށި މުބާރާތުގެ ގާލާ ރައުންޑުގެ ޝޯވތައް ނިމި، ޝޯވ ވެސް ނިމުމާ ގާތްވެފައި ވާއިރު ގަދަ 10 އަކާ ހަމައަށް ދަތުރުކުރި ބައިވެރިންނާއެކު ޕީއެސްއެމުން ވަނީ ޓެލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ބައިވެރިންނަށް ބޭނުންވާ ތަމްރީނާއި ލަވަކިޔުމާއި މިއުޒިކް ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ޕީއެސްއެމް އިން ހޯދައިދޭނެ އެވެ.

comment ކޮމެންޓް