ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށްޓަކައި ހުޅުލެއިން އަލިފާން ނިއްވާ ވަސީލަތްތައް ގެންނަން ޖެހުނީ، އަލިފާންގަނޑުގެ ބާވަތުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިއަދު ކޯސްޓްގާޑު ބިލްޑިންގގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކޯސްޓްލައިން ހާޑްވެއާގައި، ސިނާއީ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ ތަކެތި ހުރި ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވޭ ވަރު ވީ އެފަދަ އެއްޗެހީގައި ރޯވުމުގެ ސަބަބުން ކަމަށެވެ.
"މާލޭގައި އާންމުކޮށް [އަލިފާން ނިއްވުމަށް] ބޭނުންކުރާ ފޯމްއާއި އެއްޗެއްސަކީ އިންޑަސްޓްރިއަލް ލެވެލްގައި ކަމެއް ހިނގީމާ ބޭނުންކުރާ ތަކެއްޗެއް ނޫން،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މިނިސްޓަރު ވިދާޅުވީ، ހުޅުލެއިން އަލިފާން ނިއްވާ ތަކެތި ގެންނަން ޖެހުނީ، އަލިފާންގަނޑުގެ ބާވަތުގެ ސަބަބުން ކަމަށެވެ.
މި ހާދިސާއިން ވެސް ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަން ފާހަގަ ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މާލޭގައި ވެސް އެފަދަ ހާލަތްތަކާ ގުޅޭ، އެކި ކަހަލަ ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ ހާދިސާތަކަށް އިޖާބަ ދިނުމުގެ ގޮތުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ އިރު، މާލޭގެ ކުޑަ ކަމާއި ވެހިކަލް ގިނަ ކަމުގެ ސަބަބުން ގިނަ ފަހަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
"އަލިފާން ނިއްވުމަށް ބޭނުންވާ ވެހިކަލްތައް ގެންނަން ބަލާ އިރު މަގުތައް ހުންނަނީ، ދެ ފަރާތުގައި ޕާކު ކޮށްފައި ހުންނާތީ ބެދިފައި. އެހެން ވީމަ އެއްޗެއް ގެންނަން ވިއްޔާ ވެސް ފުރަތަމަ ޖެހެނީ ޕާކު ކޮށްފައި ހުރި ކާރުތަކާއި ސައިކަލުތަކާ އެއްޗެހި އެއްފަރާތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭޕްރިލް 18، 2016: ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އޭޕްރިލް 18، 2016: ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެގޮތުން، ސަރުކާރުން މިކަމަށް ބޮޑު އެއްބާރުލުމެއް ދޭ ކަމަށާއި، ފަސޭހައިން އަލިފާން ނިއްވުމުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން މިހާރުގެ ބަޖެޓުގެ ތެރެއިންވެސް ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.
"މިހާރު މި ދަނީ އެކަމާ ބެހޭ މައުލޫމާތު އެއްކުރަމުން، ޕްރޮޕޯސަލްތައް ތައްޔާރު ކުރަމުން. ސަރުކާރުން ކޮމިޓްމެންޓް ދީފައި ވަނީ، މިކަމަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމާއި، ފަސޭހައިން އަލިފާން ނިއްވުމުގެ ނިޒާމެއް ގާއިމު ކުރުމަށް ބޭނުންވާ އެހީތެރިކަން މިހާރުގެ ބަޖެޓުން ވެސް ދޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.