ބައްޕަގެ ފިލްމު "ޕަރިންދާ" އަލުން ކުޅުމަށް ބޭނުން: ޓައިގާ ޝްރޮފް

ޓައިގާ ޝްރޮފް--- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

މީގެ 27 އަހަރު ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި ޖެކީ ޝްރޮފް އާއި އަނިލް ކަޕޫރު އަދި މަދޫރީ ޑިކްސިޓު ކުޅުނު ފިލްމު "ޕަރިންދާ"އަކީ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. މިއަދާ ހަމައަށް އައި އިރު "ޕަރިންދާ" އަކީ ގިނަ ބައެއްގެ ހިތްތަކުން އަދިވެސް ޖާގަ ދެވިފައިވާ މޮޅު ފިލްމެކެވެ.

އެ ފިލްމުގެ ޖާދޫގައި ޖެހިފައި ތިބި އެތައް ޒުވާނުންނަކާއި އުމުރުން ދުވަސްވީ މީހުން އަދިވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކީ ޖެކީ ޝްރޮފްގެ ދަރިފުޅު އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް އެވެ.

ދާދިފަހުން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޓައިގާ ވަނީ ބައްޕަގެ ފިލްމު "ޕަރިންދާ" އަލުން ކުޅުމުގެ ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ. އޭނާ ބުނީ ބައްޕަގެ އެ ފިލްމަކީ އޭނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެއް ކަމަށެވެ.

"ބައްޕަގެ ހުރިހާ ފިލްމެއްވެސް ކަމުދޭ. އެކަމަކު 'ޕަރިންދާ' އަކީ އަހަރެންގެ ހިތާ ވަރަށް ގުޅިފައިވާ ފިލްމެއް،" ޓައިގާ ބުންޏެވެ.

ޓައިގާ ޝްރޮފުގެ ދެން އެންމެ އަވަހަށް ރިލީޒު ކުރެވޭނީ ފިލްމު "ބާގީ" އެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް

comment ކޮމެންޓް