"ކޮމާންޑޯ 2"ގެ ބަތަލާގެ ރޯލުން އަދާހް!

އަދާހް ޝަރްމާ --- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ދެހާސް ތޭރަ ވަނަ އަހަރު ރިލީސް ކުރި ހިންދީ ފިލްމު "ކޮމާންޑޯ" އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ލީޑު ރޯލުން ޕޫޖާ ޗޯޕްރާ އާއި ވިދްޔުތު ޖަމްވަލް ފެނިގެން ދިޔަ އެ ފިލްމަކީވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މޮޅު ފިލްމެކެވެ.

އެ ފިލްމުގެ ދެވަނަ ފިލްމެއްވެސް އުފެއްދުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް ވިދްޔުތު އާ އެކު ބަތަލާގެ ރޯލުން މިފަހަރު ފެންނާނީ ޕޫޖަ އެއް ނޫނެވެ.

ހަބަރުތައް ބުނާ ގޮތުން، "ކޮމާންޑޯ"ގެ ބަތަލާގެ ރޯލަށް މި ފަހަރު ހަމަޖައްސާފައި ވަނީ ބޮލީވުޑްގެ ތަރި އަދާހް ޝަރްމާ އެވެ. ދާދިފަހުން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި އަދާހް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

"އާ، އަހަރެން އެ ފިލްމަށް ޝޫޓު ކުރުމުގެ މަސައްކަތް ފަށައިފިން. އަހަރެން އެ ފިލްމުގައި އަދާ ކުރަނީ ބަތަލާގެ ރޯލު،" އަދާހް ބުންޏެވެ.

ބައެއް ހިންދީ އަދި ތެލޫގޫ ފިލްމުތައް ކުޅެފައިވާ އަދާހް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ހިންދީ ފިލްމު "ހަސީ ތޯ ޕަސީ" އިންނެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ ބިރުވެރި ފިލްމެއް ކަމަށްވާ "1920" އެވެ.

comment ކޮމެންޓް