އަލިފާނުގެ ހާދިސާގައި އިކުއިކްސް އަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާ

ކޯސްޓުލައިން ހާޑުވެއާގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އިކުއިކްސް ފިހާރަވެސް އެކީގައި އަނދާފައި. ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އިކުއިކްސް

ކޯސްޓުލައިން ހާޑުވެއާގައި އަލިފާން ރޯވެ ހިނގި ހާދިސާގައި، އެ ފިހާރަ ކައިރީ ހުރި 'އިކުއިކްސް' ފިހާރައަށް 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އިކުއިކްސް އިން ބުނެފި އެވެ.

އިކުއިކްސް ޓްރޭޑް އަކީ ކާބޯތަކެތި ހޯލްސޭލް ކުރާ ފިހާރަ އެކެެވެ.

އިކުއިކްސްގެ ޑިރެކްޓަރު، އިބްރާހިމް ޒަކީ މިއަދު ސަން އަށް ބުނީ، އަލިފާނުގެ ހާދިސާގައި ދެ ބުރި އިމާރާތް އެކީގައި އަނދާފައިވާ ކަމަށެވެ.

އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ފިހާރައިގެ މުދާތައް ރައްކާކޮށްފައި ހުރި އިރު، ފިހާރައިގައި ހުރި މުދަލާ އެކު 1.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިމާރާތާ، އިމާރާތުގައި ހުރި އެހެނިހެން ސާމާނު އެކީގައި އަނދައިގެން ގޮސްފައި ވާއިރު ލިބުނު ގެއްލުމުގެ ޖުމްލަ އަގު 2.2 މިލިއަނަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޯސްޓުލައިން ހާޑުވެއާގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އިކުއިކްސް ފިހާރަވެސް އެކީގައި އަނދާފައި. ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އިކުއިކްސް

"އިމާރާތް ނުލައި، ހުރި ތަކެތީގެ އަގު ގާތްގަނޑަކަށް 1.5 މިލިއަނަށް އަރާ. އިމާރަތާ އެކު ލަފާކުރެވޭ ގޮތުން 2.2 މިލިއަން." ޒަކީ ބުންޏެވެ.

ޒަކީ ވިދާޅުވީ، ލިބުނު ގެއްލުމުން އަރައިގަތުމަށް އެފަރާތްތަކަށް އެހީތެރިކަން ބޭނުންވާ ކަމަށާއި، މިހާރު ކޯސްޓްލައިން ހާޑްވެއާ އަދި ހައުސިން މިނިސްޓްރީއާ ވެސް ވާހަކަދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އަދި އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަން އެފަރާތުން ފާހަގަކުރި އެވެ.

"ޑިޒާސްޓަރ މެނޭޖްމަންޓަށް އަޅުގަނޑުމެން ގުޅިން. އެތަނުން ބުނަނީ ވިޔަފާރިތަކަށް އެހީތެރިކަން ނުދޭ ކަމަށް،" ޒަކީ ބުންޏެވެ.

އެކަމާ ގުޅިގެން ޑިޒާސްޓަރގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކޯސްޓުލައިން ހާޑުވެއާގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އިކުއިކްސް ފިހާރަވެސް އެކީގައި އަނދާފައި. ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އިކުއިކްސް

އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު އެ ސަރަހައްދުގެ އެކި ގެތަކުގައި ދިރިއުޅުނު 136 މީހަކު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ އެންމެން ވެސް ބައިތިއްބާފައި ވަނީ ގެސްޓު ހައުސްތަކުގައެވެ.

ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ބުނީ އެ ސެންޓަރުގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 70 މީހުން ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނީ، އަލިފާނުގެ ހާދިސާގައި ކޯސްޓްލައިން ހާޑްވެއާ އާއި، އެތަނުގެ ވަށައިގެން ހުރި އެހެން ތަންތަނަށް އަލިފާން ފެތުރި، ހިނގައި ދިޔަ ހާދިސާގައި އެކި ފަރާތްތަކަށް ލިބުނު ގެއްލުމާއި ގުޅިގެން، ކޯސްޓްލައިން އިންވެސްޓްމެންޓުން އެ ސެންޓަރާ އެއް މިލިޔަން ރުފިޔާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ކޯސްޓްލައިނުގެ ފަރާތުން ދިން އެއް މިލިޔަން ރުފިޔާ، ގެއްލުން ލިބުނު ފަރާތްތަކަށް ދޫކުރެވޭނީ ސަރުކާރުން ހަމަޖައްސާ އުސޫލެއްގެ ތެރެއިންނެވެ.

ކޯސްޓުލައިން ހާޑުވެއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުން ވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްނުވެ ގިނައިރުތަކެއް ވީފަހުން، އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އަލިފާން ނިއްވާ ލޮރީ ގެނެސްގެން އެއާޕޯޓު މުވައްޒަފުންގެ ވެސް އެހީތެރިކަމާ އެކު އެވެ.

އެތަނުގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. ފުލުހުން ބުނީ އެ ސަބަބު ހޯދުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް