ކެމެރާ އުފައްދާ މަޝްހޫރު ކުންފުނި އިންސްޓާ360 އިން، ލެއިކާ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ "ލޫނާ އަލްޓްރާ" ނަމަކަށް ކިޔާ އާ ގިމްބަލް ކެމެރާއެއް ބާޒާރަށް ތައާރަފުކޮށްފިއެވެ.
މި އާ ކެމެރާ ފަރުމާކޮށްފައިވަނީ އެއް އިންޗީގެ މައި ކެމެރާއަކާއި، ވަކިން ޚާއްސަ ޓެލެފޮޓޯ ލެންސެއްގެ އިތުރުން ތްރީ-އެކްސިސްގެ ސްޓެބިލައިޒޭޝަން ސިސްޓަމަކާއެކު ވަރަށް ފަސޭހައިން ގެންގުޅެވޭ ފަދަ ކޮމްޕެކްޓް ބޮޑީއެއްގައެވެ.
މި ކެމެރާގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ކެމެރާއާ ވަކިކޮށްލެވޭ ގޮތަށް އޮންނަ 2 އިންޗީގެ އޯލެޑް ޓަޗް-ސްކްރީނެވެ.
މީގެ އިތުރުން، މީގައި ބޭނުންކޮށްފައިވާ ޓްރިޕަލް ޗިޕް ސިސްޓަމްގައި ދެ އިމޭޖިންގް ޕްރޮސެސަރާއި ކުއާލްކޮމްގެ 4-އެންއެމް އޭއައި ޗިޕެއް ހިމެނެއެވެ. މި ހާޑްވެއާގެ ސަބަބުން ކެމެރާގެ އިމޭޖް ޕްރޮސެސިންގް، އޮޓޯފޯކަސް، އަދި އަލިމަޑު ތަންތަނުގައި ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އިންސްޓާ360 އިން ބުނެއެވެ.
ލޫނާ އަލްޓްރާ ކެމެރާއިން 8ކޭ ރިޒޮލިއުޝަންގައި ސިކުންތަކު 30 ފްރޭމްސްގެ ދުވެލީގައި ވީޑިއޯ ރެކޯޑް ކުރެވޭއިރު، 4ކޭ ގައި ސިކުންތަކު 120 ފްރޭމްސް އަދި ފުލް އެޗްޑީގައި 240 ފްރޭމްސްއާ ހަމައަށް ވީޑިއޯ ކުރެވެއެވެ.
ޑޮލްބީ ވިޝަން އާއި 10-ބިޓް އައި-ލޮގް ކަލާ ޕްރޮފައިލްތަކަށް ސަޕޯޓްކުރާ މި ކެމެރާގެ ޓެލެފޯޓޯ ލެންސް މެދުވެރިކޮށް 12 ގުނައަށް ޒޫމް ކުރެވޭއިރު، ފޮޓޯގްރަފީއަށް ބަލާއިރު 37 މެގަޕިކްސެލްއާ ހަމައަށް ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިގެންވެއެވެ. އަދި މީގައި ހިމެނޭ "ސީނިކް ޕެނޮރާމާ" މޯޑް ބޭނުންކޮށްގެން 200 މެގަޕިކްސެލްގެ ބޮޑެތި ފޮޓޯތައްވެސް ނެގޭނެއެވެ.
އަޑު ރެކޯޑްކުރުމަށް ޓަކައި މި ކެމެރާގައި ޖުމްލަ ހަތަރު މައިކްރޯފޯން ހިމަނާފައިވާއިރު، އޭގެ ތެރެއިން އެއް މައިކްރޯފޯން އިންނަނީ ވަކިކުރެވޭ ސްކްރީނުގައެވެ. ވަޔާއި ބޭރުގެ ބޭކާރު އަޑުތައް ކަނޑާލުމުގެ ގާބިލުކަން ލިބިގެންވާ މި ކެމެރާގައި 47 ޖީބީގެ އިންބިލްޓް ސްޓޯރޭޖް ހިމެނޭއިރު، އެއް ޓީބީއާ ހަމައަށް މައިކްރޯ އެސްޑީ ކާޑު އެޅޭނެ ޖާގަ ވެސް އޮވެއެވެ.
ވައިފައި، ބްލޫޓޫތު އަދި ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓިވިޓީ އެކުލެވޭ މި ކެމެރާގައިވާ 1,550 އެމްއޭއެޗްގެ ބެޓެރިން 240 މިނެޓާ ހަމައަށް ހުއްޓުމެއްނެތި ބޭނުންކުރެވޭއިރު، 45 ވޮޓްގެ ޗާޖަރަކުން އެންމެ 23 މިނެޓް ތެރޭގައި 80 އިންސައްތައަށް ޗާޖުކޮށްލެވެއެވެ.
މި ކެމެރާ ބާޒާރަށް ނެރެފައިވަނީ ކޮސްމިކް ބްލެކް އަދި ސްޓެލާ ވައިޓް ކުލައިގައެވެ. އަގުތަކަށް ބަލާއިރު، އަސާސީ ސާމާނުތައް ހިމެނޭ ސްޓޭންޑަޑް ބަންޑަލްގެ އަގަކީ 769.99 އެމެރިކާ ޑޮލަރެވެ. އަދި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޚާއްޞަ ބެޓެރީ ހޭންޑްލް، މައިކް ޕްރޯ ޓްރާންސްމިޓަރ އަދި ވައިޑް-އޭންގަލް ލެންސް ފަދަ އިތުރު ސާމާނުތައް ހިމެނޭ "ކްރިއޭޓަ ބަންޑަލް" ގެ އަގަކީ 969.99 އެމެރިކާ ޑޮލަރެވެ.