ހޯރަފުށީ ޑޮކްޓަރު މަސައްކަތުން ދުރުކޮށް ތަހުގީގު ފަށައިފި

ހެލްތު މިނިސްޓްރީ: ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރު މަސައްކަތުން ދުރުކޮށް ތަހުގީގު ވަނީ ފަށާފައި ---

ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގައި އެޑްމިޓުކުރި ބަލި މީހަކު ބެލުމުގައި ޑޮކްޓަރު އިހުމާލުވި ކަމަށް ބެލެވި، އަދި އެ މީހާ މަރުވީ ޑޮކްޓަރުގެ އިހުމާލުން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ޑޮކްޓަރު މަސައްކަތުން ދުރުކޮށް ތަހުގީގު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޕޯކްސް ޕާސަން ތަސްލީމާ އުސްމާން މިއަދު ސަން އަށް ވިދާޅުވީ މަރުވި، ހޯރަފުއްޓަށް ނިސްބަތްވާ، އުމުރުން 48 އަހަރުގެ ނާއިލާ އިދުރީސްގެ އާއިލާގެ ފަރާތުން ޑޮކްޓަރާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނާތީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

"އެ އަންހެން މީހާ ނިޔާވި ވަގުތުން ފެށިގެން ޑޮކްޓަރު ވަނީ މަސައްކަތުން ދުރުކޮށް ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި. އެ ހޮސްޕިޓަލްގައި ހުއްޓަސް އެ ޑޮކްޓަރު ލައްވައި އެއްވެސް މަސައްކަތެއް ނުކުރޭ،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޑޮކްޓަރު ލައްވައި މަސައްކަތް ނުކުރުވިޔަސް އޭނާ އަދި ސަސްޕެންޑުނުކުރާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ކަމާ ގުޅުން ހުރި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ.

"އެ ޑޮކްޓަރާ އަޅުގަނޑުމެން އިންޓަވިއުކުރާނަން. ހޯރަފުށީ ސިއްހީ މަރުކަޒުގައި ތިބި ކަމާ ގުޅުން ހުރި ފަރާތްތަކާ ވެސް އިންޓަވިއު ކުރާނަން. އަދި ނިޔާވި އަންހެން މީހާގެ އާއިލާގެ ފަރާތްތަކާ ވެސް އަޅުގަނޑުމެން އިންޓަވިއު ކުރާނަން،" ތަސްލީމާ ވިދާޅުވި އެވެ.

ނާއިލާ މަރުވީ ހޯރަފުށިން ޑޮކްޓަރާ އެކު ކުޅުދުއްފުއްޓަށް ގެންގޮސް، ކުޅުދުއްފުށިން އެމްބިއުލާންސްގައި އެ ރަށުގައި ހުންނަ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ނާއިލާގެ އާއިލާ އިން ބުނެފައި ވަނީ މޭގައި ރިއްސާތީ ނާއިލާ ހޯރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އާއިލާ އިން ބުނީ ނާއިލާގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ބެލުމަށް ފަހު ޑޮކްޓަރު ވިދާޅުވި ކަމަށެވެ. އަދި ދެ ތިން ދުވަހެއްގެ ތެރޭގައި ދޫކޮށްލާނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ނާއިލާ ފޮނުވަން އާއިލާ އިން އުޅުމުން ޑޮކްޓަރު ފުރަތަމަ އެކަމަށް ހެދީ ދެކޮޅު ކަމަށާއި ކުޅުދުއްފުއްޓަށް ގެންދަން ހުއްދަ ދިނީ ވެސް އެތައް ގުނައަކަށް ހާލު ސީރިއަސް ވުމުން ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އެއީ ކޮން ގައުމެއްގެ ޑޮކްޓަރެއް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

comment ކޮމެންޓް