ތުލުސްދޫ ބޯޓްޔާޑް ކައިރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތުލުސްދޫ ބޯޓްޔާޑް ކައިރީ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ފޮޓޯ/ ފުލުހުން

ކ. ތުލުސްދޫ ބޯޓު ޔާޑްކައިރި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިދި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:50 ހާއިރު އެ ސަރަހައްދުގައި އަލިފާން ރޯވެފައި ހުއްޓައި ރަށުތެރެ ބަލަހައްޓަމުންދިޔަ ފުލުހުންނަށް ފެނުމުން ތުލުސްދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނާއި ތަކެތި ބޭނުންކޮށް އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެސަރަހައްދުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވަނީ ވެއްޔާއި ފެން ޖަހައިގެން ކަމަށެވެ. އަދި އަލިފާން ނިއްވާލެވުނީ އަލިފާން ރޯވިތާ ބައިގަޑި އިރެއްހާއިރު ފަހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި ހުރި އިމާރާތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެސަރަހައްދުގައި އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ތުލުސްދޫގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގިއިރު މިދިޔަ ހޯމަ ދުވަހު މާލޭގައި ހުންނަ ކޯސްޓު ލައިން ހާޑުވެއާ ފިހާރާގައި ރޯވެ އެތަން ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް އެކަމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

comment ކޮމެންޓް