ޝަހީދުންގެ ދުވަސް މި އަހަރު އައްޑޫ ސިޓީގައި

ހޯމް މިނިސްޓްރީއާ އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އައްޑޫ ސިޓީ

މި އަހަރުގެ ޝަހީދުންގެ ދުވަސް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ. އެ ދުވަސް އައްޑޫ ސިޓީގައި ބޭއްވުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށްފަ އެވެ.

އައްޑޫ ސިޓީގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި ޝަހީދުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން "ޝަހީދުންގެ ކާނިވަލު"ގެ ނަމުގައި ކާނިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ އައްޑޫ ސިޓީގެ ކޮންމެ ސުކޫލަކުން ޝަހީދުންގެ ދުވަހާ ގުޅޭ މައުލޫމާތު ލިބޭނެ ދެ ސުޓޯލެއް އެ ކާނިވަލުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

ހޯމް މިނިސްޓްރީއާ އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އައްޑޫ ސިޓީ

އެ ބައްދަލުވުމުގައި ގައުމީ ކަންތައްތައް އާލާކޮށް ދިރުވުމުގެ ގޮތުން އެ ކައުންސިލުން އުފައްދާފައިވާ ގައުމިއްޔަތު ކޮމެޓީން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށް ބުންޏެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށް ޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާލާކުރުމަށެވެ. މިދުވަސް ނިސްބަތްވެގެން ވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ.

comment ކޮމެންޓް