ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި

ސީމެގުން މިއަދު ބޭއްވި ބައްދަލުވުން --

ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޝައިނީ "ސަން"އަށް މިރޭ ވިދާޅުވީ، ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ދެމުންދާ އެއްބާރުލުމާއި އެކަމަށް ސަރުކާރުގެ ފަރާތުން މަސައްކަތްކުރަވަމުން ގެންދަވާކަން ސީމެގުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދެއްވުމަށް ސީމެގުން ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމާމެދު ވަކި ގޮތެއް ނުނިންމައި، ރާއްޖެ އިން ކުރަން ފެންނަ ކަންތައްތަކެއް އެ ޖަމާއަތުން ވަނީ ހުށަހަޅާފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ބޭއްވި އެކްސްޓްރާ އޯޑިނަރީ މީޓިންގައި ވަނީ ރާއްޖޭން ކުރަން ފެންނަ ހަ ކަމެއް ހުށަހަޅާފަ އެވެ.

ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންތައް:

  • ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުން
  • ސިޔާސީ ލީޑަރުން މިނިވަންކުރުން
  • ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުން
  • ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުން
  • ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުން
  • ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން

ސީމެގުގެ އެޖެންޑާގައި ރާއްޖެ އަދި ނުހިމަނަން ނިންމިއަސް، ލަންޑަނުގައި މިއަދު ބޭއްވި ސީމެގުގެ ބައްދަލުވުމަށް ފަހު ސީމެގުން ވަނީ، އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކުގައި ގުޅިގެން ބިނާކުރުވަނިވި މަޝްވަރާތަކެއްކޮށް ކުރިއެރުން ހޯދުމަށް ސަރުކާރަށް ގޮވަލައިފި އެވެ.

"ސީމެގުގެ މިނިސްޓަރުން ވަނީ، މަގުޗާޓެއް އެކުލަވާލައި، ވަކި މުއްދަތެއްގެ ތެރޭގައި އޭގައިވާ ކަންކަން ހާސިލުކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފައި. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ހުށަހެޅޭ މައްސަލަތައް ހައްލު ކުރުމަށާއި އެކަންކަމުން ކުރިއެރުމެއް ހާސިލު ކުރާ ކަމުގެ ހެކި ފެންނަން ޖެހޭ ކަމުގެ މުހިންމުކަން މިނިސްޓަރުން ފާހަގަ ކުރެއްވި،" ސީމެގުގެ ސްޓޭޓްމެންޓުގައި ބުނެފައިވެ އެވެ.

ސްޓޭޓްމެންޓުގައި ބުނެފައި ވަނީ، މަދަނީ ފަރުދުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކާއި މިނިވަންކަން ދިނުމަށް މީގެ ކުރިން ހުށަހެޅި ކަންތައްތަކަށް އެކަށީގެންވާ ކުރިއެރުންތަކެއް ހާސިލްކުރެވިފައިނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"މަދަނީ ފަރުދުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކާއި މިނިވަންކަން ދިނުމަށް މީގެ ކުރިން ހުށަހެޅި ހުށަހެޅުމަށް އަލި އަލި އަޅުއްވާލައި، މިނިސްޓަރުން ވަނީ އެ ދާއިރާތަކުގައި ހުށަހެޅިފައިވާ މައްސަލަތަކުގައި އެކަށީގެންވާ ކުރިއެރުމެއް ހާސިލު ކުރެވިފައިވާ ކަމުގެ ހެއްކެއް ފެނިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައި،" ސީމެގުން ބުނެފައިވެ އެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ޝެޑިއުލްކޮށްފައިވާ އެ ގްރޫޕުގެ ބައްދަލުވުމުގައި މިދިޔަ ފެބްރުއަރީ މަހުގެ ރާއްޖޭން ކުރަން ހުށަހެޅި ކަންތައްތައް "ކުރަމުންގެންދާ ކަމުގެ އެކަށީގެންވާ ހެކި" ފެންނަން އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ބައްދަލުވުމުގައި، ރާއްޖޭން ހާސިލްކުރެވުނު ކަންތައްތަކަށް ބަލައި އެކަންތައްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ސީމެގުން ބުނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި، ސީމެގުން ވަނީ ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ބައެއް ސިޔާސީ ބޭފުޅުންނަށް ދީފައިވާ ފުރުސަތު އަނބުރާ ގެނައުމަށް ސަރުުކާރުން ނިންމާފައި ވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ސީމެގުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސަރުކާރުގެ ފަރާތުން ގޮތެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސީމެގުން ނެރުނު ސްޓޭޓްމަންޓުގައި، ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް އެންޓި ޓެރަރިޒަމްގެ ގާނޫނު ނުރަނގަޅު ގޮތެއްގައި ބޭނުންކުރެވިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާ ދެކޮޅަށް ވެސް ބޭނުންކުރެވިދާނެ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ސީމެގުގެ މިނިސްޓަރުން ވަނީ ތަފާތު ސިޔާސީ ފިކުރުތަކަށް ފުރުސަތުދޭ އިންތިހާބެއް ބޭއްވުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ހާއްސަ ބަންދޫބެއް ކަނޑައެޅުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ހުށަހެޅުއްވި ހުށަހެޅެއްވުމަށް މަރުހަބާ ކިޔައިފަ އެވެ.

comment ކޮމެންޓް