ރިޔާސީ ކެންޑިޑޭޓުންނާ މެދު ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބުު އަންގަވައިފި

ބަންޑާރަ ނައިބް މުހައްމަދު އަނިލް. ރިޔާސީ ކެންޑިޑޭޓުންނާ މެދު ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބުު ވަނީ އަންގަވައިފައި-- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓުންނާ މެދު ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވައިފިއެވެ.

އެޓާނީ ޖެެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޕާޓީތަކުން އާންމުކުރައްވާފައިވާ ކެންޑިޑޭޓުންނާ މެދު ހަމަހަމަ އުސޫލަކުން ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި އަމަލުކުރެއްވުމަށް ވަނީ އަންގަވައިފައެވެ.

އެގޮތުން ދައުލަތުގެ ވަސީލަތްތައް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު އެ ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމަށް ހައުސިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންނާއި އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ބަންޑާރަ ނައިބު ވަނީ އަންގަވާފައެވެ.

އަދި އެ ކެންޑިޑޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޯށްދީ، އެ ފަރާތްތަކުން ތާއީދު ހޯދުމަށް އެކި ވަސީލަތްތަކާއި، ރަށްރަށުގެ މަގުތަކާއި އާންމުތަންތަނާއި އަދި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމަށް ބަންޑާރަ ނައިބު އެންގެވި ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ޕީއެސްއެމްއިން ހުރިހާ ކެންޑިޑޭޓުންނަށްވެސް އެއާޓައިމް ހަމަހަމައަށް ފޯރުކޮށްދިނުމަށްވެސް ބަންޑާރަ ނައިބު އެންގެވި ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިދިކޮޅު ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިނެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން ރަނިންގް މޭޓު އިއުލާނުކުރައްވާފައިވަނީ ހަމައެކަނި ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ރަނިންގް މޭޓު ކަމަށް ހަމަޖައްސާފައިވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ކުރިމަތިލައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގް މޭޓު ކަނޑައެޅުން އޮތީ ހުކުރު ދުވަހުއެވެ. އިދިކޮޅު ރަނިންގް މޭޓު ކަނޑައަޅާނީ ޖުމްހޫރީ ޕާޓީންނެވެ.

comment ކޮމެންޓް